ޣައްޒާގެ ހަސްފަތާލުތަކަށް ދެމުންދާ ޙަމަލާތައް އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން 23 ޞަފުހާގެ ވަރުގަދަ ރިޕޯޓެއް ނެރެފިއެވެ.
އެގޮތުން، މި ރިޕޯޓުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 12 އިން 2024 ވަނަ އަހަރުގެ ޖޫން 30 އާ ހަމައަށް ހިނގި ހާދިސާތަކުގެ ތަފްޞީލު ހިމަނާފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމު އެއްކޮށް ފުނޑުފުނޑުވެ، ރައްޔިތުންނަށް ބޭސްފަރުވާ ލިބުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވެއެވެ. މީގެ އިތުރުން، މި ޙަމަލާތަކުގައި 45,500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
“ޣައްޒާގެ ޞިއްޙީ ނިޒާމު އެއްކޮށް ފުނޑުފުނޑު ކޮށްލައި, ބަލިމީހުންނާއި ޞިއްޙީ މަސައްކަތްތެރިންނާއި އާންމުން ޝަހީދު ކުރަމުންދާ މިންވަރަކީ އިންސާނީ އަދި އިންސާނީ ހަައްޤުތަކާ ބެހޭ ބައިނަލްއަޤްވާނީ ޤާނޫނުތަކަށް ޔަހޫދީ ދައުލަތުން އަމަލު ނުކޮށް ގޮންޖަހަމުންދާ ކަމުގެ ސީދާ ހެއްކެއް,” ރިޕޯޓުގައި ބުނެފައި ވެއެވެ.
އދގެ އިންސާނީ ހައްޤުތަކާ ބެހޭ ހައި ކޮމިޝަނަރު ވަލްކަރ ތުރުކު ވިދާޅުވީ، މި ރިޕޯޓުގެ ހޯދުންތަކުން އެނގެނީ ބައިނަލްއަޤްވާމީ އިންސާނީ އަދި އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ކަމެވެ. އަދި ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުން ތިބި ހަސްފަތާލަކަށް ގަސްތުގައި ޙަމަލާ ދިނުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި، ޢާންމުންގެ ހައްޤުތަކަށް ބެލުމެއް ނެތި ކުރަމުންދާ އަނިޔާތަކަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް ރިޕޯޓުގައި ހާމަކުރިއެވެ.
ޣައްޒާގެ ޢާންމުންގެ ގެދޮރާއި ރެފިއުޖީ ކޭމްޕުތަކަށާއި، ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށް، އަދި ވަގުތީ ހިޔާވަހިކަން ހޯދުމަށް ބޭނުންކުރަމުންދާ މަދަރުސާތަކާއި މިސްކިތްތަކަށް ޙަމަލާ ދެމުންދާކަން މި ރިޕޯޓުގައި ފާހަގަކުރިއެވެ.
އެގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ މި ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސްވެގަތުމަށް ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.









