ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކިއުބާގެ ރިވޮލޫޝަން ދުވަހާއި ގުޅިގެން އެ ޤައުމުގެ ރައީސް މިގޭލް ޑިއާޒް-ކެނެލް ބާމުޑޭޒް އަށާއި ބޮޑު ވަޒީރު މެނުއެލް މަރޭރޯ ކްރޫޒްއަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ކިއުބާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް ފާޅުކުރައްވާފައިވެއެވެ. އަދި ކިއުބާގެ ރައީސާއި ބޮޑުވަޒީރު ފުރިހަމަ ޞިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަން އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހަކީ ކިއުބާގައި "އެނިވަރސަރީ އޮފް ދަ ރިވޮލޫޝަން" ގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. މިއީ އެ ޤައުމުގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އިސްވެ ހުންނަވައިގެން ގެންނެވި އިންޤިލާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ޤައުމީ ދުވަހެވެ.
ދިވެހިރާއްޖެއާއި ކިއުބާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 29 ޖަނަވަރީ 1977 ގައެވެ. މިއަދާއި ހަމައަށް ވެސް ދެ ޤައުމުގެ ދެމެދުގައި ރަނގަޅު ގުޅުމެއް ދެމެހެއްޓިފައިވާކަން ފާހަގަކުރެވެއެވެ.









