މި ފެށުނު އާ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ޓޫރިސްޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރޭ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ވެލާނާ އެއާޕޯޓުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި އާ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ޓޫރިސްޓަކީ ލުއިސް ކިޔާ މީހެއް ކަމަށެވެ.
އެޕޯސްޓުގައި ބުނި ގޮތުގައި، ސްޕެއިންގެ ލުއިސް އޭނާގެ އާއިލާއާ އެކު ރާއްޖެއަށް ޒިޔާރަތްކުރި މިއީ 11 ވަނަ ފަހަރެވެ.
އޭނާ އާއިލާއާ އެކު އެއާޕޯޓުގައި ނަގާފައިވާ ބައެއް ފޮޓޯތައް އެކްސްގައި ހިއްސާކޮށްފައިވެ އެވެ.
ލުއިސް އާއި އޭނާގެ އާއިލާ ރާއްޖެއަށް 11 ފަހަރު ޒިޔާރަތްކޮށްފައިވުމުން އެމީހުންނަކީ ހަމައެކަނި ޓޫރިސްޓުންގެ ގޮތުގައި ބެލެވޭނެ ބައެއް ނޫން ކަމަށާއި އެއީ ހަގީގަތުގައި ވެސް ދިވެހި އާއިލާގެ ބައެއް ކަމަށް ވެލާނާ އެއާޕޯޓުގެ ޕޯސްޓުގައި ބުންޏެވެ.
އެމީހުން ރާއްޖޭގެ ކަނޑާއި ވެއްޔާއި އަދި ދިވެހިން ދެކެވާ ލޯބި ފާހަގަކޮށް ވެލާނާ އެއާޕޯޓުން ވަނީ ރާއްޖެއަކީ އެމީހުނަށް އެންމެ ކަމުދާ މަންޒިލުގެ ގޮތުގައި ހިޔާރުކުރުމުން ޝުކުރު އަދާކޮށްފަ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ބައިގަރުނުވީ ތާރީހުގައި ފުރަތަމަ ފަހަރަށް، މި ނިމުނު އަހަރު ވަނީ ދެ މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ. ސަރުކާރުގެ އަމާޒަކީ މި ފެށުނު އާ އަހަރު 2.4 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.









