އެމެރިކާގެ ފެޑެރަލް ކޯޓަކުން އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެކޮޅަށް ކުރީގެ ލިޔުންތެރިއެއް ކަމަށްވާ އީ. ޖީން ކެރޯލް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލައިގައި އޭނައަށް ފަސް މިލިއަން ޑޮލަރު ދައްކަން އަމުރުކުރި ހުކުމަށް ތާއީދުކޮށްފި އެވެ.
ފްރާންސްގެ ނޫސް އެޖެންސީ އޭއެފްޕީ އިން ބުނާ ގޮތުގައި ލިޔުންތެރިޔާ ޖީން ކެރޯލް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ޖިންސީ ގޯނާ އާއި އަބުރުގެ ދައުވާ އުފުލާފައިވާއިރު، އެ ދައުވާގައި ކޯޓުން ވަނީ ފައިސާ ދިނުމަށް ޑޮނަލްޑް ޓްރަމްޕަށް އަމުރުކޮށްފަ އެވެ.
ދައުވާގައި ބުނަނީ 1996 ވަނަ އަހަރު މެންހަޓަންގެ ޑިޕާޓްމަންޓް ސްޓޯރެއްގެ ޑްރެސިންގ ރޫމްގެ ތެރޭގައި ކަރޯލް އަށް ޓްރަމްޕް ޖިންސީ އަނިޔާކުރި ކަމަށެވެ.
އެ ހުކުމުގައި ޓްރަމްޕަށް ވަނީ ޖިންސީ ގޯނާގެ ކުށުގައި ދެ މިލިއަން ޑޮލަރު އަދި އަބުރުގެ ކުށުގައި ތިން މިލިއަން ޑޮލަރު ދައްކަން އަންގާފަ އެވެ.
ޑޮނަލްޑް ޓްރަމްޕް ވަނީ އެ ދައުވާ އިސްތިއުނާފުކޮށް، އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރި އިތުރު ދެ އަންހެނުންނަށް އެ މައްސަލައިގައި ހެކިބަސް ދިނުމުގެ ހުއްދަ ދީގެން ނުވާނެ ކަމަށް ބުނެފަ އެވެ.
ތިން ފަނޑިޔާރުންގެ ޕެނަލަކުން އިސްތިއުނާފު ބަލައި ނުގަތެވެ. އަދި އިއްތިފާޤުވަނީ ޑިސްޓްރިކްޓް ކޯޓުގެ ހުކުގައި ގޯހެއް އުޅޭކަން ޓްރަމްޕަށް ކަށަވަރު ކޮށްދެވިފައި ނުވާ ކަމަށެވެ.
އަދި އީ ޖޭން ކެރޯލް ހުށަހެޅި ދައުވާއެއްގައި ޓްރަމްޕަށް 8.3 މިލިއަން ޑޮލަރު ދެއްކުމަށް ވެސް އިތުރު ޖޫރީން ވަނީ އަމުރުކޮށްފަ އެވެ.

އެ ނިންމުން އަލުން އިސްތިއުނާފު ކުރާނެ ކަމަށް ޑޮނަލްޑް ޓްރަމްޕްގެ ތަރުޖަމާނު ސްޓީވަން ޗެއުންގް ވިދާޅުވެއްޖެ (ފޮޓޯ: ރޮއިޓާސް)

މި ނިންމުމާ ދެކޮޅަށް ޑޮނަލްޑް ޓްރަމްޕް ވެސް އިސްތިއުނާފު ކުރިއިރު މިކަމާ ގުޅޭ ގޮތުން އޭނާގެ ތަރުޖަމާނު ސްޓީވަން ޗެއުންގް ވިދާޅުވީ ކުރީގެ ރައީސް އަލުން ރައީސް ކަމަށް އިންތިޚާބު ކޮށްފައިވަނީ ބޮޑެތި މެންޑޭޓަކާ އެކު ކަމަށާއި އަނެއްކާވެސް އިސްތިއުނާފު ކުރާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ "އަދުލު އިންސާފުގެ ނިޒާމު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމާއި ޑިމޮކްރެޓުންގެ ފައިސާއިން ފައިސާ ހޯދާ މި އޮޅުވާލުމުގެ ކެމްޕޭން ވަގުތުން ހުއްޓާލުމަށް" ގޮވާލައްވާ ކަމަށެވެ.
ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ޓްރަމްޕް ރައީސް ކަމަށް އިންތިހާބު ކުރެއްވުމަށް ފަހު ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ ދެ މައްސަލަ ވަނީ ބާތިލްކޮށްފަ އެވެ.
ވައިޓް ހައުސްއިން ވަކިވެވަޑައިގަތުމަށްފަހު ސިއްރު ލިޔުމެއް ގޯސްކޮށް ބެލެހެއްޓުމާއި 2020 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާ ބަދަލުކުރަން މަސައްކަތް ކުރެއްވި ކަމަށް ވެސް ޓްރަމްޕުގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ.
މެއި މަހު ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ވެސް ވަނީ ޕޯން ސްޓާރަކަށް ފައިސާ ދެއްކުމަށް ވިޔަފާރީގެ ރެކޯޑްތައް އޮޅުވާލި ކަމުގެ ކުށް ސާބިތުވެފަ އެވެ.
އިންތިހާބީ ރައީސްގެ ހުކުމް ބާތިލް ކުރަން ކުރި މަސައްކަތް ފަނޑިޔާރު ޖޯވާން މުރްޗަން ދާދި ފަހުން ވަނީ ދެކޮޅު ހައްދަވާފައި ނަމަވެސް އެ ހުކުމް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.