ގދ. ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާތީ އެ ރަށުގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަނެ، އެ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
އެ މައްސަލައާ މެދު ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި ބުނީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ހައި ކޯޓަށް ބެލުމުގެ އިހުތިސާސް ލިބިފައި ވަނީ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރަޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް ކަމަށެވެ. ރައީސުލުޖުމްހޫރިއްޔާގެ ގަރާރަކީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް ވެސް ނޫން ކަމަށް ބުންޏެވެ.
ގަރާރާ ގުޅޭ ހުށަހެޅުންތަކަކީ ދުސްތޫރީ ގޮތުން ހައި ކޯޓަށް ބެލޭނެ ފަދަ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައިވާ ކަމަށް ހައި ކޯޓުން ބުންޏެވެ.
އެހެންވެ، ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން ރައީސުލްޖުމްހޫރިއްޔާގެ ގަރާރާ ގުޅޭ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައެޅި އެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު އެވެ. އޭރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިނަދޫގެ އާބާދީގައި އުޅެނީ ގާތްގަނޑަކަށް 8،000 މީހުންނެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުންނެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އާބާދީ 10،000 އަށް ވުރެ ދަށް ނުވުން ހިމެނެ އެވެ. އެ ޝަރުތު ތިނަދޫގައި ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް ހުށަހެޅުއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ.
ރައީސް އޮފީހާ ދެކޮޅަށް ރާގިބު މި މައްސަލަ ހުށަހެޅުއްވުމުން އޭނާ ވަނީ މަގާމުން ވެސް ވަކިކޮށްފަ އެވެ.









