ހިސާބު ޢިލްމާ ގުޅުންހުރި ދާއިރާތަކުން ރާއްޖެއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޢަލީ މާހިރު އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 90 އަހަރެވެ.
މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އިންޖިނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރެއްވި ޢަލީ މާހިރަކީ ގިނަ ބަޔަކު ދަންނަ މޮޅު ހިސާބު ޢިލްމުވެރިއެކެވެ. އޭނާ ވަނީ ހިސާބު ޢިލްމާއި ފަލަކީ ޢިލްމާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ އިތުރުން، އަމިއްލަ ޝައުޤުވެރިކަމާއެކު ހިސާބު ޢިލްމު އުނގަންނައިދެއްވުމަކީ ވެސް އޭނާ ކުރެއްވި މުހިންމު މަސައްކަތްޕުޅެކެވެ.
ޤައުމީ ފެންވަރުގައި ޢަލީ މާހިރު ކުރެއްވި އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ކަލަންޑަރު އެކުލަވާލެއްވުމާއި، ދިވެހިރާއްޖެއަށް ނަމާދު ގަޑިތައް ތަރުތީބުކުރެއްވުން ހިމެނެއެވެ. މި މަސައްކަތްތައް ކުރައްވާފައިވަނީ ހިސާބު ޢިލްމަށް އޮތް ލޯތްބާއި ޝައުޤުވެރިކަމުގެ ސަބަބުންނެވެ.
ޢަލީ މާހިރަކީ ސަރުކާރުގެ އިސް މަޤާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މަޙްކަމަތުއްޝަރުޢިއްޔާގެ އިސް މަޤާމުތަކާއި، ސަރުކާރު ބޮޑު އިސްޓޯރުގެ މެނޭޖަރުކަމާއި، ޤައުމީ ކުތުބުޚާނާގެ ވެރިޔާކަމުގެ މަޤާމު އަދާކުރައްވާފައެވެ. އަދި ޝަރީޢަތްކުރެއްވުމުގެ މަސްއޫލިއްޔަތު ވެސް އަދާކުރައްވާފައިވެއެވެ.









