މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އޮންލައިން ޚިދުމަތްތަކަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެނެސްފިއެވެ. މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި އައު ޚިދުމަތްތައް ތަޢާރަފުކޮށްދެއްވީ އެ ކުންފުނީގެ ޗެއަރޕާސަން ޝަމްޙޫޒާ އަޙްމަދު އާއި މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދެވެ.
މި އައު ބަދަލުތަކުގެ ދަށުން، ކަސްޓަމަރުންނަށް އީ-ފާސް ނިޒާމު މެދުވެރިކޮށް އެމްޑަބްލިއުއެސްސީގެ ޚިދުމަތްތަކަށް އެދި ހުށަހެޅުމާއި، އޮންލައިންކޮށް އެޕްލިކޭޝަން ފުރުމަށްފަހު ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ކުރިއަށްދާ މަރުޙަލާތައް ފަސޭހަކަމާއެކު ބެލުމާއި، އެޕްލިކޭޝަންތަކުގެ ސްޓޭޓަސް އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރަށް ފޮނުވުމުގެ ޚިދުމަތްވެސް ތަޢާރަފުކޮށްފައިވެއެވެ.
މީގެ އިތުރުން، ކަސްޓަމަރުންނަށް އެމީހުންގެ ހުރިހާ އެކައުންޓެއްގެ މަޢުލޫމާތު އެއްތަނަކުން ބެލުމާއި، އެއް އެކައުންޓެއް މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލުތަކަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އެމްޑަބްލިއުއެސްސީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކޮށް، އޭގެ މަންފާއާއި ލާބަ ކުންފުންޏަށާއި މުޅި ދިވެހި މުޖުތަމަޢަށް ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މި އައު ބަދަލުތަކާއެކު، އެމްޑަބްލިއުއެސްސީގެ ޚިދުމަތް ޚިދުމަތްތައް ހޯދުމަށް ކަސްޓަމަރުން އޮފީހަށް ޒިޔާރަތްކުރަންޖެހޭ މިންވަރު މަދުވެ، ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބެން ފަށާނެއެވެ. މިއީ ވަގުތު ސަލާމަތްކުރުމަށާއި، ޚިދުމަތް ލިބިގަތުމުގެ މަރުޙަލާތައް އަވަސްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
އެމްޑަބްލިއުއެސްސީގެ ޗެއަރޕާސަން ޝަމްޙޫޒާ އަޙްމަދު ވިދާޅުވީ، މި ބަދަލުތަކަކީ ކުންފުނީގެ ޚިދުމަތްތައް ޒަމާނީކުރުމުގެ މަސައްކަތުގެ ތެރެއިން އަންނަ އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ގެނެސްދިނުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކގެ ޔަގީންކަން ޗެއަރޕާސަން ދެއްވިއެވެ.
މި އައު ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ކަސްޓަމަރުންނަށް އެމްޑަބްލިއުއެސްސީގެ ވެބްސައިޓަށް ޒިޔާރަތްކުރުމަށް ނުވަތަ އެ ކުންފުނީގެ ކަސްޓަމަރ ސަރވިސް ހޮޓްލައިނަށް ގުޅުމަށް އެ ކުންފުނިން އިލްތިމާސްކޮށްފައިވެއެވެ.









