ޕީއެސްއައިޕީ މަޝްރޫޢުތަކަށް މިއަހަރު 10.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި

އާނާ ފަހީމް | 335 ދުވަސް ކުރިން - 30 ޑިސެންބަރު 2024 15:43
އެމްއެމްއޭ ބިލްޑިންގ. / ފޮޓޯ: ޚުލާސާ
އެމްއެމްއޭ ބިލްޑިންގ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މާލީ ވުޒާރާއިން ނެރޭ ފިސްކަލް ރިޕޯޓުގައިވާ ގޮތުން، ޑިސެމްބަރު މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 45.9 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފަ. މީގެ ތެރެއިން 10.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވަނީ ޕީއެސްއައިޕީ މަޝްރޫޢުތަކަށް.

ދައުލަތުގެ ޚަރަދުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް، ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން މިއަހަރުގެ މިހާތަނަށް 10.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން ނެރޭ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން، މި ޑިސެމްބަރު މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 45.9 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 10.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރު ޖުމްލަ ޚަރަދު ކުރުމަށް ނިންމާފައިވަނީ 10.97 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އެއާޕޯޓުތައް ތަރައްޤީކުރުމަށެވެ. އެކަމަށް 2.8 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ބިން ހިއްކުމަށް ކަމަށްވާއިރު، އެކަމަށް 2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން ބްރިޖް އެޅުމަށް 1 ބިލިޔަން ރުފިޔާ، މަގު ހެދުމަށް 614 މިލިޔަން ރުފިޔާ އަދި ފެނާއި ނަރުދަމާ ޚިދުމަތަށް 514 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހިމަނާފައިވަނީ 8.9 ބިލިޔަން ރުފިޔާއެވެ. އަދި މިދިޔަ އޮކްޓޫބަރުމަހު ފާސްކޮށްފައިވާ ސަޕްލިމެންޓަރީ ބަޖެޓުގައި 2 ބިލިޔަން ރުފިޔާ ހިމަނާފައިވާތީ، މިއަހަރަށް ޕީއެސްއައިޕީއަށް ޖުމްލަ 10.9 ބިލިޔަން ރުފިޔާގެ ބަޖެޓެއް ލިބިފައިވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށް 12.4 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު، ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމުގައި ފައިދާއަށް ބަލާނެކަން ހާމަކޮށްފައެވެ.

އެގޮތުން އަލަށް ފަށާ މަޝްރޫޢުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމްކުރުމަށް ނިންމާފައިވެއެވެ. މި ފަންޑުގެ އެހީގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

"ޕީއެސްއައިޕީ މަޝްރޫޢުތަކަކީ ޤައުމުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ މަޝްރޫޢުތަކެއް. އެހެންނަމަވެސް މިހާރު މި ގެންގުޅޭ އުޞޫލު ބަދަލުކޮށް، އިތުރަށް ހަރުދަނާކުރަން ޖެހޭ. އެގޮތުން އަންނަ އަހަރުން ފެށިގެން މަޝްރޫޢުތައް ފެށުމުގެ ކުރިން އެކަށީގެންވާ ދިރާސާތަކެއް ކުރެވޭނެ." މާލީ ވުޒާރާގެ އިސް ވެރިއެއް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%