ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅޭގޮތުން އަވަސް ތަޙުޤީޤެއް ހިންގުމަށާއި، ކުށްވެރިން ޖަވާބުދާރީ ކުރުވުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގޮވާލައިފިއެވެ.
ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޤައުމީ ފެންވަރުގައި ކޮރަޕްޝަނާއި ދެކޮޅަށް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްދާ ސަރުކާރުގެ މަސައްކަތްތަކަށް މަރުޙަބާ ކިޔާ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބުކުރީ ކޮރަޕްޝަނާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ކާމިޔާބު ހޯދުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށް އިތުބާރުކޮށްގެން ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
ޕީއެންސީން ބުނީ މިނިވަން މުއައްސަސާތަކުން ކުރިއަށްގެންދާ ކޮރަޕްޝަންގެ ތަޙުޤީޤުތަކުގައި މި ސަރުކާރުގެ ދައުރުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ފެނިފައިވާ ކަމަށެވެ. އަދި މި މުއައްސަސާތަކުން ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންނާއި މެދު ކޮރަޕްޝަނާއި ދައުލަތުގެ ފައިސާ އަމިއްލައަށް ބޭނުންކުރުމުގެ ތުހުމަތު ކުރާ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
ޕީއެންސީން ވަނީ ކަމާބެހޭ މުއައްސަސާތަކުން ކުށްވެރިން ޖަވާބުދާރީ ކުރުވުމަށާއި އިންސާފު ޤާއިމުކުރުމަށް ވަގުތުން ފިޔަވަޅު އަޅުމަށް ގޮވާލާފައެވެ. އަދި މި ޢަމަލުތަކުން ޤައުމުގެ ތަރައްޤީއަށް ހުރަސް އެޅުމުގެ އިތުރުން، ޤައުމުގެ އެންމެ އަގުހުރި މުދާ ކަމަށްވާ ރައްޔިތުންނަށް ސީދާ އަސަރުކުރާ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
މީގެއިތުރުން، ޕީއެންސީން ބުނީ އިދިކޮޅު ފަރާތްތަކުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ކޮރަޕްޝަނާ ގުޅުވައިގެން ކުރާ ތުހުމަތުތަކާ މެދު ފުން ކަންބޮޑުވުން ފާޅުކުރާކަމަށެވެ. އަދި މި ތުހުމަތުތަކަކީ އަސާސެއްނެތް، ސިޔާސީ މަޤްޞަދުގައި ކުރާ ތުހުމަތުތަކެއް ކަމަށް ޕީއެންސީން ފާހަގަކުރިއެވެ.
ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބުދާރީވުން ފަދަ މުހިންމު ޑިމޮކްރެޓިކް އުސޫލުތައް ދަމަހައްޓައިގެން މި ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ސަރުކާރުން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭ ކަމަށް ޕީއެންސީން ބުންޏެވެ.









