ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، ދެ މިނިސްޓްރީއަކަށް ދިވެހިބަހުން ކިޔާ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން މި ބަދަލު ގެނެސްފައިވާކަމަށް ރައީސް އޮފީހުން ނެރުއްވި 26/2024 ނަންބަރު ދެންނެވުމުގައި ބަޔާންކޮށްފައިވެއެވެ.
މި ބަދަލާ ގުޅިގެން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް ދިވެހިބަހުން ކިޔާނެ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ "މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ" އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދިވެހިބަހުން ކިޔާނެ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ "އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ" އެވެ.
މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ މިނިސްޓްރީތަކުގެ ނަންތައް ދިވެހިބަހުން ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި، ދިވެހިބަސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިންނެވެ.









