ހުޅުމާލެ ފޭސް 2ގައި ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ޒުވާން ފިރިހެނަކަށެވެ.
އައިޖީއެމްއެޗުން ބުނީ އަނިޔާވި ޒުވާނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އޭނާ އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލު ލިބޭ ގޮތެއް އަދި ނުވެ އެވެ.
އެ އެކްސިޑެންޓު ހިނގީ ހުޅުމާލެ 2ގެ ގުލްއަލާމަގުން އިރުން ހުޅަނގަށް، ނިރޮޅުމަގު ހުރަސްކުރި ފުލުހުންގެ ކާރެއްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ.
އަނިޔާވި މީހާއަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. ނަމަވެސް، ހާލު ސީރިއަސްވުމުން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރީ އެވެ.
އެ އެކްސިޑެންޓަށް ފަހު ފުލުހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސައިކަލު ދުއްވި ޒުވާނާއަކީ އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާ ހިލާފުވެގެން ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށެވެ. އޭނާގެ ލައިސެންސް ހިފެހެއްޓީ މި މަހު 21 ގަ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ޕޮލިސް ކާރު ދުއްވި މީހާގެ އެއްވެސް އިހުމާލެއް އޮތްތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.









