އަންނަ އަހަރަކީ ސަރުކާރުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށް ދާނެ އަހަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވަޒީރުންގެ މަޖިލީހަށް ރައީސް ބަދަލުތަކެއް ގެންނަވައި، އެ ވަޒީރުންނާ ބައްދަލުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2025 ވަނަ އަހަރަކީ ސަރުކާރުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އަހަރެއް ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހަށް މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، އެ މިނިސްޓްރީގެ މަސްއޫލިއްޔަތުތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުކުރެއްވުން ހިމެނެއެވެ.
މީގެ އިތުރުން، އައު ވަޒީރުން އައްޔަންކުރައްވާފައި ވަނީ:
- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ކަމަށް މޫސާ ޒަމީރު.
- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ކަމަށް ޢަލީ ޙައިދަރު އަޙްމަދު.
- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ކަމަށް ޑރ. މަރްޔަމް މާރިޔާ.
- މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމަށް ޑރ. ޢަބްދުﷲ މުއްޠަލިބް.
މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ވުޒާރާތަކުގެ އޮނިގަނޑު އެކުލަވާލުމުގައި ބަދަލުވާ މުވައްޒަފުންނަށް ދަތިނުވާނެ ގޮތަށް ކަންކަން ހަމަޖެއްސެވުމަށް ޚާއްޞަ އިރުޝާދުތަކެއް ދެއްވާފައެވެ.









