އިސްރާއީލުން ރޭ ފަތިހު ޣައްޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 10 މީހުން ޝަހީދުވެ، 10 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ އިދާރާތަކުގެ މެޑިކަލް މުވައްޒަފުންނާއި ޙަވާލާދީ ޚަބަރުތައް ބުނެފިއެވެ.
ޣައްޒާ ސިޓީގެ ޒައިތޫން ސަރަޙައްދުގައި ހުރި ގެއަކަށް އިޒްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 5 މީހުން ޝަހީދުވެ، 20 މީހުންނަށް އަނިޔާވެފައިވާ ކަމަށް މެޑިކަލް މުވައްޒަފުން ރިޕޯޓުކޮށްފައިވެއެވެ. އަދި ގިނަ ބަޔަކު އަދިވެސް ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި ތިބުމާއެކު ޝަހީދުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް އިންޒާރު ދީފައިވެއެވެ.
އިތުރު ހަމަލާއެއްގައި، ޣައްޒާގެ ނުސެއިރާތުގައި ހުންނަ އަލް-އަވްދާ ހޮސްޕިޓަލް ކައިރީގައި އުޅަނދަކަށް ހަމަލާ ދިނުމުން 5 ނޫސްވެރިން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ އިދާރާތަކުން ބުނެފައިވެއެވެ. މި ނޫސްވެރިންނަކީ އަލް-ޤުދްސް އަލް-ޔަވްމް ޓެލެވިޜަން ޗެނަލްގައި މަސައްކަތްކުރާ ބައެކެވެ. ފަލަސްތީނުގެ މީޑިއާ އަދި ލޯކަލް ރިޕޯޓަރުން ބުނާ ގޮތުގައި މި އުޅަނދަކީ މީޑިއާ ވެހިކަލްއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އުޅަނދެކެވެ.
މި ރިޕޯޓުކުރެވުނު ހަމަލާތަކާ ގުޅޭގޮތުން އިޒްރާއީލުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
ހަމާސް އާއި ޓެލްއަވީވްއާއި ދެމެދު ހަނގުރާމަ ހުއްޓާލުމާބެހޭ މަޝްވަރާތަކުގައި ވޭތުވެދިޔަ ދުވަސްތަކުގައި ކުރިއެރުން ލިބުނު ކަމަށް ދެފަރާތުންވެސް ބުނި ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް ނާދެވޭ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.









