ޕާކިސްތާނުގެ އަސްކަރިއްޔާއިން އިއްޔެ އަފްޣާނިސްތާނަށް ދިން ބޮމުގެ ޙަމަލާއެއްގައި 50 އަށްވުރެ ގިނަ މީހުން މަރުވުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ޕާކިސްތާނަށް ޙަމަލާ ދޭނެ ކަމަށް ޠާލިބާނުން ބުނެފިއެވެ.
އަފްޣާނިސްތާނުގެ ޕަކްތިކާ ޕްރޮވިންސަށް ޙަމަލާދިނީ ޕާކިސްތާނުގެ އަސްކަރިއްޔާއިން ކަމަށް މަސްދަރުތަކުން ބުނެއެވެ.
އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާން ޖަމާޢަތުގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޙަމަލާ އަމާޒުވެފައިވަނީ ޢާންމު ރައްޔިތުންނަށް ކަމަށެވެ. އަދި މި ޙަމަލާގައި އަންހެނުންނާއި ކުޑަކުދިން މަރުވެފައިވާ ކަމަށާއި، މި ސަރަޙައްދަކީ ވަޒީރިސްތާނުން ގެދޮރު ގެއްލިގެން އައިސް ދިރިއުޅެމުންދާ ބަޔަކު އުޅޭ ތަނެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.
ޠާލިބާނުންގެ ބަޔާނުގައި މި ޙަމަލާ ސިފަކޮށްފައިވަނީ އަފްޣާނިސްތާނުގެ ސިޔާދަތާއި މިނިވަންކަމަށް ދިން ޙަމަލާއެއްގެ ގޮތުގައެވެ. އަދި މިފަދަ ޢުދުވާނީ ޢަމަލުތަކުން ޕާކިސްތާނަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށް ބުނެފައިވެއެވެ. އަދި އަފްޣާނިސްތާން ދިފާޢުކުރުމަކީ އެމީހުންގެ ވާޖިބެއް ކަމަށް ބުނެ، މި ޙަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.
ފާއިތުވި ދުވަސްތަކުގައި ދެ ޤައުމުގެ ގުޅުން ވަނީ ގޯސްވެފައެވެ. ދެ ޤައުމުން އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތު ކުރަމުންދަނީ ނުރައްކާތެރި ހަނގުރާމަވެރިންނަށް ހިމާޔަތްދޭ ކަމަށެވެ.









