ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު ބައި ޓަނުގެ މިޔަރު މަހާއި މަޑިމަސް ކަސްޓަމްސް އިން ހިފަހައްޓައި އެ އެއްޗެހި ނައްތާލައިފިއެވެ.
ކަސްޓަމްސް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ ޢަދަދެއްގެ މިޔަރު މަހާއި މަޑިމަސް ހިފަހައްޓާފައިވާ ކަމަށެވެ. އެއީ، 582 ކިލޯގެ މިޔަރު މަހާއި މަޑިމަސް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގައި އެ ތަކެތި ނައްތާލާފައިވާ ކަމަށެވެ.
އެ އެއްޗެހި އަތުލައިގަތް ދުވަހެއް ކަސްޓަމްސް އިން އަދި ނުބުނެއެވެ.
މިޔަރާއި މަޑީގެ ބާވަތްތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާޢިދުގެ ދަށުން ހިފުމާއި ބޭނުންކުރުމާއި އެކްސްޕޯޓް ކުރުން ވެސް މަނާ އެއްޗެއްސެވެ.









