ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރަން ކަނޑައެޅި ހަ އަހަރުގެ ސްޓްރެޓަޖީ، ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ކައުންސިލުން އިއްޔެ ފާސްކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސަތު ބަލަހައްޓަވާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ކައުންސިލުން އިއްޔެ އެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024-2030" ފާސްކޮށްފައިވާ ކަމަށެވެ.
ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީގެ މައިގަނޑު މަޤުޞަދަކީ މޫސުމީ ގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމާއި، ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމާއި, ކާރިސާތަކަށް ދުރާލައި ތައްޔާރުވުމާއި، ކާރިސާތަކަށް ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުން އަދި ދެމެހެއްޓެނިވި ތަރައްޤީެ ލަނޑުދަނޑިތައް ޙާޞިލުކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މި ސްޓްރެޓަޖީއަށް ޢަމަލުކުރަން ފެށުމުގެ ސަބަބުން ޤުދުރަތީ ކާރިސާތަކުން ލިބިދާނެ އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި އެ ދާއިރާއިން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އިތުރު ފުރުޞަތުތައް ފަހިވާނެ ކަމަށެވެ.
ޑިޒާސްޓަރ މެނޭޖުމަންޓް ކައުންސިލުން މި ކަހަލަ ސްޓްރެޓަޖީއެއް އެކުލަވާލައި ފާސްކުރަން ނިންމީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކަށް ލިބޭ ގެއްލުމާއި ގުޅޭ ގޮތުން ބައިނަލްއަޤުވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާ ޤައުމެއްގެ ހައިސިއްޔަތުން، މި ކަހަލަ ސްޓްރެޓަޖީއެއް އޮތުމުން މި ކަންކަމަށް ވަކާލާތުކޮށް އަޑުއުފުލުމުގެ ފުރުޞަތު އިތުރުކުރެވޭނެތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ސްޓްރެޓަކީ އެކުލަވާލުމަކީ، 2030 ވަނަ އަހަރު އައުމުގެ ކުރިން ޤައުމުތަކުގައި ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީތައް އެކުލަވާލަން ޖެހޭނެ ކަމަށް، އދ. އިން ފާސްކޮށްފައިވާ ސެންޑައި ފްރޭމްވޯކް ފޯ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (2015-2030) ގައި ބަޔާންކޮށްފައިވާ ހަތް ލަނޑުދަނޑީގެ ތެރެއިން ލަނޑުދަނޑި ފަހެއްގައި ހިމަނާފައިވާ ކަމެކެވެ.
ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (2015-2030)ގެ ސެންޑައި ފްރޭމްވޯކް ފާސްކޮށްފައި ވަނީ 18 މާޗު 2015 ގައި، ޖަޕާނުގެ ސެންޑައިގައި ބޭއްވި އދ. ގެ ތިންވަނަ ވޯލްޑް ކޮންފަރެންސްގައެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެއަކީ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ މަސައްކަތާއި ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަނަށް ކުރެވެން ހުރި މަސައްކަތްތައް ގުޅުވާލައިގެން މި ކަހަލަ ސްޓްރެޓަޖީއެއް ނެރެފައިވާ މަދު ޤައުމުތަކުގެ ތެރެއިން ޤައުމެއް ކަމަށެވެ.
މި ސްޓްރެޓެޖީގެ އެއް އެނެކްސް އެކުލަވާލާފައި ވަނީ ޕެރިސް އެގްރިމަންޓުގެ ދަށުން ހެދުމަށް ކަނޑައަޅާފައިވާ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭން އާއި ސެންޑައި ފްރޭމްވޯކްގެ ދަށުން ހެދި ޑީއާރުއާރު ސްޓްރެޓަޖީ ގުޅުވައިގެން ރާއްޖޭގެ ވިލުންވެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ވީހާ ވެސް ފަސޭހަ ގޮތަކަށް ނުވަތަ އިސްރާފު ކުޑަކުރެވޭނެ ގޮތްތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.









