ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދުއާ ދެކޮޅަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އަލުން ހުށަހެޅުމުގެ ހުއްދަ އެ ކޯޓުން ދީފިއެވެ. މި މައްސަލައަކީ ކ. ފުށިދިއްގަރުފަޅުގައި ހިންގި މަޝްރޫއަކާއި ގުޅިގެން ޖިހާދުގެ މައްޗަށް އުފުލި ދައުވާއެކެވެ.
ކުރިން މި މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައިވަނީ ޖިހާދަށް ޗިޓު ރައްދުކުރެވޭނެ ގޮތް ސާފުކުރުމަށް ދިން 15 ދުވަހުގެ މުއްދަތުގައި މައްސަލަ ހުށަނޭޅުމުންނެވެ. ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ އަލުން ހުށަހެޅުމުން، ފަނޑިޔާރުންގެ ބެންޗަކުން ވަނީ މައްސަލަ އަލުން ހުށަހެޅުމުގެ ހުއްދަ ދީފައެވެ.
ދައުލަތުން ޖިހާދުގެ މައްޗަށް ދައުވާކޮށްފައިވަނީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވިއިރު، ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލުކުރެއްވި ކަމަށް ބުނެއެވެ.
މި މައްސަލަ އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ބިނާކުރި އަސާސެއް ނެތުމާއި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާންކޮށްފައި ނެތުމުން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ. އަދި ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް ޔާމީނުގެ ދުވަސްވަރު ރާއްޖޭގެ ނައިބުރައީސް ކަމުގެ މަޤާމު އަދާކުރެއްވުމުގެ ކުރިން ޖިހާދު ހުންނެވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމުގައެވެ. ޖިހާދުވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ ދައުރުގައާއި ކުރީގެ ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ދައުރުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމްވެސް އަދާކުރައްވާފައެވެ.









