ހުޅުމާލޭ ފޭސް 2 ގެ ހިތިގަސްމަގުގައި ޕާކުކޮށްފައި އޮތް ޓެކްސީ އެއްގައި އަލިފާން ރޯވެއްޖެއެވެ. ޓެކްސީކުރާ (3325656ގެ ނަންބަރު ޖަހާފައިވާ) ކާރުގައި ރޭ މެންދަމު ރޯވި އަލިފާން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ނިއްވާލައިފައެވެ.
އެމްއެންޑީއެފްގެ މަޢުލޫމާތު ދޭގޮތުގައި މި ހާދިސާގެ ރިޕޯޓު މާލެ އޭރިއާ ކޮމާންޑްގެ ހުޅުމާލޭ ފަޔާ ސްޓޭޝަނަށް ލިބުނީ މެންދަމު 3:36 ގައެވެ. ވަގުތުން ފަޔާފައިޓަރުން ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. އަދި 4:01 ގައި އަލިފާން މުޅިން ނިއްވާލެވުނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ހުޅުމާލޭގެ މަގުތަކުގައި ކާރު ޕާކުކުރުމަކީ އާންމު ކަމެކެވެ. އަދި މިފަދައިން ޕާކުކޮށްފައި ހުންނަ ކާރުތަކުން ވައްކަންކުރުމުގެ ހާދިސާތައް ވެސް ހިނގާކަން ފާހަގަކުރެވެއެވެ.
ކާރުގައި ރޯވި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.









