އިންޑިއާގެ 40 ވަރަކަށް މީހުންނަށް މުސާރަ ނުދީ ހާލުގައި ޖެއްސުމުގެ މައްސަލަ ފުލުހުން ތަޙުޤީޤުކުރަން ފަށާފައިވާ ދަނޑިވަޅެއްގައި، ރީކޯ މޫސާ މަނިކުގެ ކުންފުންޏެއް ކަމަށްވާ "މޯ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް" މޯލްޑިވްސް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބްލެކްލިސްޓް ކޮށްފިއެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީން މަޢުލޫމާތު ދިން ގޮތުގައި، މޯ ހޮޓެލްސް ބްލެކްލިސްޓް ކޮށްފައިވަނީ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައެއްގައި އެ ކުންފުނިން އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭތީއެވެ. މިއީ މި ކުންފުނި މިފަދަ މައްސަލައެއްގައި ބްލެކްލިސްޓް ކުރެވުނު ދެވަނަ ފަހަރެވެ.
އިންޑިއާގެ ބަޔަކު ރާއްޖެ ގެނެސް މުސާރަނުދީ މަސައްކަތް ކުރުވާ މައްސަލަ ތަޙްޤީޤު ކުރަމުންދާއިރު، އެ މީހުން ރާއްޖެ އައިސްފައިވަނީ އިންޑިއާގެ އެޖެންޓެއް މެދުވެރިކޮށް، ރަނގަޅު މުސާރައަކާއި ހުރުމާއި ކެއުން ހަމަޖެހޭނެ ކަމުގެ ޔަގީންކަމާއެކުގައެވެ. ނަމަވެސް، ޖޫން މަހުން ފެށިގެން މުސާރަ ނުލިބޭ ކަމަށް އެ މީހުން ބުނެފައިވެއެވެ.
އިންޑިއާ ނޫހަކުން ބުނެފައިވަނީ އެމީހުންނަކީ ރާއްޖޭގައި ހުންނަ އިންޑިއާގެ ރެނާޓަސް ކުންފުނީގެ މުވައްޒަފުންނެވެ.
މަސްދަރުތައް ބުނާ ގޮތުގައި އެމީހުންނަކީ ރެނާޓަސްއިން ރީކޯމޫސަގެ ކުންފުންޏަށް މަސައްކަތްކުރުމަށް "ޑީލެއްގެ ދަށުން" ދީފައިވާ ބައެކެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މޫސާމަނިކަށް ގުޅަން ކުރި މަސައްކަތްތައް ކާމިޔާބުވާ ގޮތެއް ނުވިއެވެ.









