ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނިހާދު ދެއްކެވި ވާހަކަތައް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ކުށްވެރިކޮށްފިއެވެ.
ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ނިހާދު ދެއްކެވި ވާހަކައިގައި، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލެ އަތޮޅުގެ ރިސޯޓުތަކުގައި ހިންގަން ރާވާފައިވާ އެއްވުންތަކާ ގުޅޭ ރިޕޯޓުތަކާ މެދު ސީރިއަސް ކަންބޮޑުވުންތައް ފާޅުކުރައްވާފައިވެއެވެ. އަދި މިފަދަ ޢަމަލުތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށާއި މުޅި އިޤްތިޞާދަށް ސީދާ ޓެރަރިސްޓް ނުރައްކަލެއް ކަމުގައި ނިހާދު ސިފަކުރައްވާފައިވެއެވެ.
މިކަމާ ގުޅިގެން ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އެއްވެސް ޒިންމާދާރު ސިޔާސީ ޕާޓީއަކުން ނުވަތަ މަދަނީ ޖަމްޢިއްޔާއަކުން ފަތުރުވެރިކަމުގެ ޞިނާޢަތަށް ބުރޫއަރާފަދަ ނުވަތަ ޤައުމުގެ އިޤްތިޞާދަށް ދާއިމީ ގެއްލުމެއް ލިބޭފަދަ ޙަރަކާތްތަކެއް ހިންގާނެ ކަމަށް އެ ޕާޓީން ގަބޫލު ނުކުރާ ކަމަށެވެ.
"ހުރިހާ ފަރާތްތަކުންވެސް ޤާނޫނުގެ ތެރެއިން ޢަމަލުކުރަންޖެހޭނެކަން އަޅުގަނޑުމެން ފާހަގަކުރަމެވެ. އަދި ޤާނޫނީ އިމުން ބޭރުވާ އެއްވެސް ޢަމަލެއް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅުތަކާ ކުރިމަތިލާންޖެހޭނެކަން ޔަޤީނެވެ." ޕީއެންސީން ބުންޏެވެ.
ޕީއެންސީން އިތުރަށް ބުނީ، ދިވެހިރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި، މަޑުމައިތިރި އަދި ސުލްޙަވެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން ދެމިހުންނާނެކަން އަލުން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމާއި، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި އޮތް ނަން ދެމެހެއްޓުމަކީ އެންމެ އިސް އަސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޕީއެންސީން ބުންޏެވެ.
ޕީއެންސީން އިލްތިމާސްކޮށްފައިވަނީ ހުރިހާ ފަރާތްތަކުންވެސް ޤައުމުގެ ސުލްޙައާއި، ސްޓެބިލިޓީއާއި އަދި އިޤްތިޞާދީ ކުރިއެރުމަށް ނުރައްކާވެދާނެ ފަދަ އެއްވެސް ޢަމަލެއް ނުކުރުމަށެވެ. އަދި ދިވެހިރާއްޖެއަކީ ފަތުރުވެރިކަމާއި އިންވެސްޓްމަންޓަށް ކުރިއަރާފައިވާ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އޮތް ނަން ދަމަހައްޓައި، އިތުރަށް ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ޕީއެންސީން ގޮވާލާފައިވެއެވެ.
އެގޮތުން ދިވެހިރާއްޖެއަކީ ޒިޔާރަތްކުރާ ފަރާތްތަކަށާއި އިންވެސްޓަރުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ބުރަ މަސައްކަތްކުރާ ހުރިހާ ސަރުކާރުގެ މުއައްސަސާތަކަށާއި، ސިޔާސީ ޕާޓީތަކަށާއި، މަދަނީ ޖަމްޢިއްޔާތަކަށާއި އަދި އަމިއްލަ ފަރުދުންނަށް ޝުކުރު އަދާކުރާކަމަށް ޕީއެންސީން ބުންޏެވެ.









