ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލާގައި ސަސްޕެންޑްކުރި އެޗްޑީސީގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން މިއަދު އުވާލައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީ ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލީ މިއަދު ކަމަށެވެ. އަދި ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލީ އާ މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކޮށްފައި ވާތީ ކަމަށް ވެސް ޕީސީބީން ބުންޏެވެ.
ބޯޑު މެންބަރުން ސަސްޕެންޑް ކުރީ ގޯތިތަކުގެ މައްސަލާގައި ފުލުހުން ފަށާފައިވާ ތަޙުޤީޤަށް ޖާގަ ދިނުމުގެ ގޮތުން ކަމަށް ޕީސީބީން ކުރިން ބުނެފައިވެއެވެ.
ޕީސީބީން ވަނީ އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފައެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ވެސް ހިމެނެއެވެ. އޭނާ ވަނީ އޭގެ ފަހުން މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
އެޗްޑީސީގެ ބޯޑުގައި ދެން ތިއްބަވަނީ އަޒްހާރު އަބްދުﷲ ސައީދު، އިބްރާހިމް ޔޫސުފްފުޅު، މުހައްމަދު ވިޝާމް، އުލާ މުހައްމަދު ރަޝީދު، އާރިފް އަބްދުއްސަމަދު، މުހައްމަދު ނާޖިލް، މުހައްމަދު ވަހީދު، ފާތިމަތު މިޒްނާ އަލީ އަދި ޔޫސުފް ވަހީދު އެވެ.
ތަޙުޤީޤާ ގުޅިގެން ކުރި ސަސްޕެންޝަން އުވާލި ނަމަވެސް، ބޯޑު މެންބަރުންގެ ޕާސްޕޯޓް އަދިވެސް އޮތީ ހިފަހައްޓާފައެވެ. އެޗްޑީސީއާ ގުޅޭ ގޮތުން ހިންގާ ތަޙުޤީޤާ ގުޅިގެން 20 މީހެއްގެ ޕާސްޕޯޓް ފުލުހުން އެދިގެން ހިފަހައްޓާފައިވެއެވެ.









