ކުރީ ސަރުކާރުގެ ވާހަކަ ނުދައްކަން ބުނި ނަމަވެސް އެމްޑީޕީގެ ސަރުކާރުގައި ކަންކަން ކޮށްފައިވާގޮތް އެންމެންނަށް ވެސް އެނގެން ޖެހޭ ކަމަށާއި އެއީ އަބަދުވެސް ދައްކަން ޖެހޭ ވާހަކައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާން ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އައިފާން ވިދާޅުވީ، މި ގައުމު ލޫޓުވާލައި އަނދަވަޅަށް ވައްޓާލި މީހުންގެ ވާހަކަ ރައްޔިތުންނަށާއި ކުރިއަށް އޮތް ޖީލުތަކަށް ވެސް ކިޔައިދޭން ޖެހޭ ކަމަށެވެ. އަދި މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެ ވަޑައިގެން ހުންނަވަން ޖެހުނީ ތޮށިގަނޑަކާ ކަމަށާއި، ރައީސް ކުރައްވަމުން ގެންދަވަނީ ރާއްޖެ ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރުމަށް ކުރަން ޖެހިފައިވާ މަސައްކަތް ކަމަށެވެ.
އައިފާން އިތުރަށް ވިދާޅުވީ، އެމްޑީޕީން ވެރިކަން ނިންމާލައި 2023 ވަނަ އަހަރު ގެއަށް ދިޔައިރު ރާއްޖޭގެ އެއްވެސް ތަނެއްގައި ތަރައްގީގެ މަޝްރޫޢެއް ނުހިނގާކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން ނިމުނުއިރު ޖީބަށް ލުއި ލިބިގެން ދިޔައީ ކޮން ރައްޔިތެއްގެތޯ އައިފާން ސުވާލު އުފެއްދެވިއެވެ.
"އަޅުގަނޑުމެން މިއަދު އެމްޑީޕީގެ މެމްބަރުންނާ އެބަޖެހޭ ސުވާލު ކުރަން، ތިބޭފުޅުން ގައުމުގެ މާލިއްޔަތު ހުސްކޮށްލާފައި ދިޔައިރު މިހާ ބޮޑު ހޭދައެއް ކޮށްފައި ދިޔައިރު ތަރައްގީއަށް ކުރީ ކޮންކަމެއްތޯ، މިވާހަކަތައް އެބަޖެހޭ ދައްކަން. މި ފައިސާ ޚަރަދު ކުރި ގޮތެއް، މި ފައިސާ ވީ ތަނެއް، ފައިސާއަށް ހެދިގޮތެއް އެބަޖެހޭ އަޅުގަނޑުމެން ބަލަން" އައިފާން ވިދާޅުވިއެވެ.
އައިފާން ވިދާޅުވީ، އެމްޑީޕީއަށް ހީވެފައި އޮތީ އެމީހުންގެ ސަރުކާރުން ރައްޔިތުންނަށް ޖެއްސި ހާލު މަތިން ރައްޔިތުން ތިބީ ހަނދާން ނެތިފައި ކަމަށާއި، ނަމަވެސް މި ގައުމު މި ހާލަތަށް ވައްޓާލީ އެމްޑީޕީން ކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި ރާއްޖޭގައި އެއްވެސް ވެރިއަކަށް ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅަން ނުކެރުނު ކަމަށާއި އެކަން ކުރަން ކެރިވަޑައިގަތް ހަމައެކަނި ލީޑަރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ. އެހެންކަމުން އެމަނިކުފާނަކީ "ގަޓު" ލީޑަރެއްކަން މިއަދު ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ކަމަށް އައިފާން ވިދާޅުވިއެވެ.









