ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމަށް އައިސް ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ ސަރުކާރުގެ ތެރޭގައި ތިބި ހުރިހާ ވެރިންނާއި އިސްފަރާތްތަކަށް ވައްކަން ކުރުމަށް ހިތްވަރު ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު (މަންޑޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭ ޖަލްސާގައި ވާހަކަދައްކަވަމުން މަންޑޭ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރަށް ނަތީޖާ ހާސިލް ނުކުރެވި އޮތީ އެ ސަރުކާރުން ކުރަމުންދިޔަ ވައްކަންތައް އިންތިހާ ދަރަޖައަށް ގޮސްފައި އޮތުމުގެ ސަބަބުން ކަމަށެވެ.
"ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ވެރިއަކު 64 ބިލިއަނުން ރާއްޖެ ދަރުވާލައިފައި ދިޔައިރު ރަށްރަށުގައި ފަށާ ނިމިފައި ހުރި ޕްރޮޖެކްޓުތަކުގެ ވެސް އެންމެ އަސާސީ ޚިދުމަތްތައް ދެވޭނެ ވަރަށްވެސް އެމްޑީޕީގެ ސަރުކާރުގައި މަސައްކަތް ކޮށްފައި ނުވޭ،" މަންޑޭ ވިދާޅުވިއެވެ.
މަންޑޭ ވިދާޅުވީ، މި ކަންކަން ނުކުރެވި އޮތް މައިގަނޑު ސަބަބަކީ ސަރުކާރުގެ އެންމެ މަތީ ފަންތިން ފެށިގެން ތިރިއަށް ވައްކަން ކުރުމަށް ދޮރުތައް ހުޅުވައި، ރައްޔިތުންގެ މާލިއްޔަތު ލޫޓުވަމުން ދިއުން ކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ 5 އަހަރުގެ ތެރޭގައި ނެގި ލޯނުތަކާއި، ކޮވިޑާ ގުޅިގެން ރާއްޖެއަށް ލިބުނު ހިލޭ އެހީ ރައްޔިތުންނަށްޓަކައި ބޭނުން ކުރިނަމަ، މިއަދު ރާއްޖޭގައި ނަރުދަމާ ނެތް އެންމެ ރަށެއްވެސް ނޯންނާނެ ކަމަށެވެ.
"ރައީސް ޞާލިޙްގެ ސަރުކާރުން 40 އަހަރާ ނުބައްދަލު ދަރަނި ނަގައިގެން ކުރި ވައްކަންތަކާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދު މުޅިން ގޯސްކޮށް ދިޔައިރު، 2022 ވަނަ އަހަރު ރާއްޖެއަށް ދުނިޔޭގެ މާލީ އެކިއެކި އިދާރާތަކުން ދެމުން ގެންދިޔަ ރައްދުގެ އެއްވެސް އިންޒާރަކަށް އޭރުގެ ސަރުކާރުން ކުޑަވެސް އަޅާލުމެއް ދީފައެއް ނެތް،" މަންޑޭ ވިދާޅުވިއެވެ.
މަންޑޭ އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ އަހަރު ނިމިގެން ދިޔައިރު ފެނިގެން ދިޔަ އެއް ކަމަކީ ދިވެހި ލޮބުވެތި ރައްޔިތުން އެދޭ ގޮތަށް، ދިވެހިރާއްޖެއަށް ފައިދާ ވާނެ ގޮތަކަށް މުޅި ވެރިކަމުގެ ނިޒާމު ބައްޓަން ކުރައްވަމުންދާކަމެވެ. އަދި ރާއްޖޭގެ ތާރީޚުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށްވެސް މަންޑޭ ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދެއްކެވި އެހެން ބައިވެރިންވެސް އެމްޑީޕީގެ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާ މެދު ފާޑުކިޔައި ވާހަކަދެއްކެވިއެވެ. އެގޮތުން، ކުރީގެ ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތަކުގެ ފައިސާ ޚަރަދުކޮށްފައިވާ ގޮތާ މެދު ސުވާލު އުފައްދައި، މި ކަންކަން ތަޙުޤީޤުކުރަން ޖެހޭ ކަމަށް ގިނަ ބައިވެރިން ވާހަކަދެއްކެވިއެވެ.