އެމްޑީޕީގެ ވެރިކަމުގައި "ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ފްލެޓްތައް ބަހާލީ މޫކައި ހޮޓެލް މަތީގައި ކަމަށާއި ލިސްޓްގައި ޝަރުތު ހަމަނުވާ އެތައް ބައެއް ތިބޭނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނިހާދު ވިދާޅުވީ، 19 ވަނަ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން، ފްލެޓް ބެހުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާއި އެކަން ރާވައި ހިންގި ގޮތް އެންމެ ރަނގަޅަށް އިނގޭ އެކަކީ އޭނާ ކަމަށެވެ.
"ފްލެޓް ބެހީ މޫކސއި މަތީގައި ލިސްޓް ނަގައިގެން، ލިސްޓް ހަދައިގެން، ރައްޔިތުންގެ މަޖިލީހުގައި އެ ބްރޯ އުފައްދާފައި ހުންނަ އެލީޓްގްރޫޕް، އެތަނަށް ގެންގޮސްގެން، އެ އެލީޓް ގްރޫޕް މީހުން މެދުވެރިކޮށް ފްލެޓް ބެހީ، ހައްގު ނުވާ އެތައް ބަޔަކަށް ލިބިފައި ހުންނާނެ، މިހާރު އެ ފެންނަ ލިސްޓުތަކުން ވެސް އެ އޮތީ އެކަން ފެންނަން،" ނިހާދު ވިދާޅުވިއެވެ.
ނިހާދު އިތުރަށް ވިދާޅުވީ، ގެދޮރު އަދި ފްލެޓް ދީފައި ވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ. އަދި ރާއްޖޭގެ އިސް ޤާނޫނީ ވަކީލުން ވެސް ދައްކަނީ އެ ވާހަކަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެސްއޯއީގެ ހުރިހާ ބޯޑެއްގައި ތިބި މެންބަރުންނަށް ވެސް ފްލެޓްތައް ލިބިފައިވާ ކަމަށް ނިހާދު ވިދާޅުވިއެވެ. އަދި ހިޔާ މަޝްރޫޢުގެ ފްލެޓް ލިބިފައިވާ މީހުންނަށް ވިނަރެސް މަޝްރޫޢުގެ ފްލެޓްތައް ވެސް ލިބިފައިވާ ކަމަށާއި، ހުޅުމާލެއިން ދޫކުރި އަގުބޮޑު ބިންތައް ވެސް އެފަދަ ފަރާތްތަކަށް ލިބިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ނިހާދު އިތުރަށް ވިދާޅުވީ، މިހާރު އެމްޑީޕީން މަސައްކަތް ކުރަމުންދަނީ މި ވައްކަންތައް ފޮރުވަން ކަމަށެވެ. އަދި އެމްޑީޕީން ހިންގާފައިވާ އެކި ޖަރީމާތަކާއި ގުޅުން ހުރި މައްސަލަތައް ބަލާފާނެތީ، ދިފާޢުގައި މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރާނެ ބަޔަކު ހޯދުމަށްޓަކައި "ދޮގު ޖާޑިން ދޮގު ނެރެ" އެކަމެއް ހިނގަމުންދާ ކަމަށެވެ.
"މި ދައުލަތް ލޫޓުވާ 50 ބިލިއަނުން ދަރުވާލާފާއި އޮތް ދަރުވާލުން، އެ މައްސަލަތައް ބަލައި، މި ފައިސާ ކާލި މިކަންކަން ހިންގި، މި ޖަރިމާގެ ބައިވެރިވި އެންމެންނަށް ފިޔަވަޅު އަޅަން ޖެހޭ، މިހާރު ވެސް ލަސްވެއްޖެ، އެއް އަހަރު ދުވަހަކީ ވަރަށް ބައިވަރު ދުވަސް،" ނިހާދު ވިދާޅުވިއެވެ.
މިކަންކަން ބަލައި ވީހާ ވެސް އަވަހަކަށް ފިޔަވަޅު އެޅުމަށާއި އަދި ނުހައްގުން ހިންގާފައިވާ މައްސަލަތައް ބަލައި، ހައްގުވެރިންނަށް މިކަން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ނިހާދު ގޮވާލެއްވިއެވެ.









