މިއަދު ހެނދުނު ފުވައްމުލަކާއި ދިމާލުން ކަނޑުމަތިން ފެނުނު ސޯމާލިއާގެ 3 މީހުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފުލުހުންނާއި ޙަވާލުކޮށްފިއެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދިންގޮތުގައި މި 3 މީހުން ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ފުވައްމުލަކުގެ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޑިންގީއެއްގައި ތިއްބާއެވެ. މި މީހުން ފެނުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބަރ ޕެޓްރޯލުން އެ ސަރަޙައްދަށް ގޮސް އެ ޑިންގީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
އެމްއެންޑީއެފްއިން ބުނީ މި 3 މީހުން ތިބި އުޅަނދަކީ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" އެއްކަމަށެވެ. އަދި މި މީހުން ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ފުވައްމުލަކު ސިޓީ ބަނދަރަށް ވައްދައި، ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
މީގެ ކުރިންވެސް ރާއްޖޭގެ ސަރަޙައްދުން ސޯމާލިއާއަށް ނިސްބަތްވާ މީހުން ޑިންގީތަކުގައި ފެނިފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް މިހާތަނަށް މިފަދަ ޙާދިސާއެއްގައި އެއްވެސް ނުރައްކާތެރިކަމެއް ހިނގާފައި ނުވާކަން ފާހަގަކުރެވެއެވެ.
މި ޙާދިސާއާއި ގުޅޭ އިތުރު ތަފްސީލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި މި 3 މީހުންނާމެދު ޢަމަލުކުރާނެ ގޮތެއް އަންގާނީ ތަޙުޤީޤު ނިމުމުންކަމަށްވެސް ފުލުހުން ބުންޏެވެ.









