ފެނަކަ ކޯޕަރޭޝަނުން ދައްކަން ޖެހޭ ދަރަނީގެ ތެރެއިން 900 މިލިޔަން ރުފިޔާ ދައްކައި ޚަލާސްކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި މަޢުލޫމާތު ހާމަކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުން ފާއިތުވި އެއް އަހަރު ދުވަހުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުކުރި ފޮތުގައެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އެ ކުންފުނިން ލޯނުގެ ގޮތުގައި ދައްކަންޖެހޭ 1.3 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 300 މިލިޔަން ރުފިޔާ ދައްކާފައިވާކަމަށާއި މިއީ ޖުމްލަ ލޯނުގެ 23 އިންސައްތަކަމަށެވެ.
އެންމެ ބޮޑު ޢަދަދެއް ދައްކަން ޖެހެނީ ފެނަކައިން ހޯދާފައިވާ މުދަލާއި ޚިދުމަތްތަކަށެވެ. އެގޮތުން ފާއިތުވި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 3.4 ބިލިޔަން ރުފިޔާ ދައްކަން ޖެހޭއިރު، އޭގެ ތެރެއިން 600 މިލިޔަން ރުފިޔާ ވަނީ ދައްކައި ޚަލާސްކޮށްފައި ކަމަށް ފެނަކައިން ބުންޏެވެ. މިއީ މި ދަރަނީގެ 17.6 އިންސައްތައެވެ.
ފެނަކައިން އިތުރަށް ހާމަކުރިގޮތުގައި، ދައްކަންޖެހޭ ލޯނުތަކާއި ވެންޑަރުންނަށް ދައްކަންޖެހޭ ފައިސާއާއެކު ޖުމްލަ 900 މިލިޔަން ރުފިޔާގެ ދަރަނި ދައްކައި ވަނީ ޚަލާސްކޮށްފައެވެ. އަދި މިއަހަރު ލިބުނު ޖުމްލަ އާމްދަނީގެ 40 އިންސައްތަ ބޭނުންކޮށްފައިވަނީ ދަރަނިތައް ދެއްކުމަށް ކަމަށް ފެނަކައިން ބުންޏެވެ.
ދަރަނިތައް ދެއްކުމާއެކު، ފެނަކައިން ވަނީ ކުންފުނީގެ ޚަރަދުތައްވެސް ކުޑަކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހިންގުމުގެ ޚަރަދުން 24.7 މިލިޔަން ރުފިޔާގެ ގެއްލުމެއް ވެފައިވާއިރު، މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި ހިންގުމުގެ ޚަރަދުން ފައިދާ ހޯދާފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި މިދިޔަ އަހަރާ އަޅާބަލާއިރު 160 މިލިޔަން ރުފިޔާ ހިންގުމުގެ ޚަރަދުން ކުޑަކޮށްފައިވާ ކަމަށްވެސް ފެނަކައިން ހާމަކުރިއެވެ.
މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެންމެ ބޮޑު ދަރަންޏެއް އޮތް ކުންފުންޏަކީ ފެނަކައެވެ. އެ ކުންފުނީގެ ދަރަނިތައް ބޮޑުވެގެން ދިޔައީ، މާކެޓު އަގަށްވުރެ ބޮޑުކޮށް އެ ކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން މަޝްރޫޢުތައް ހިންގުމާއި ނުއަގުގައި ގިނަ ޚަރަދުތައް ކުރުމުގެ ސަބަބުންކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.









