މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް (ޑިސެމްބަރު 23، 2024) ގެ ނިޔަލަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި މަރުވި މީހުންގެ އަދަދު 2 ލައްކައަށްވުރެ އިތުރުވެއްޖެއެވެ.
ޔޫއެންއާއި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާޢަތްތަކުން ނެރެފައިވާ ހިސާބުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 233,000 އަށް އަރައިފައެވެ. މިއީ ކުރީ އަހަރުތަކާއި އަޅާބަލާއިރު އިންތިހާއަށް ގިނަ ޢަދަދެކެވެ.
މެދުއިރުމަތީގައި ހިނގަމުންދާ އިސްރާއީލު-ހަމާސް ހަނގުރާމައިގެ ސަބަބުން 45,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، ޔޫރަޕުގައި ހިނގަމުންދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ވަނީ އިތުރަށް ގޯސްވެފައެވެ. ރިޕޯޓުތަކުން ދައްކާގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހަކީ އެންމެ ގެއްލުންބޮޑު މަސް ކަމަށްވެފައި، އެވްރެޖްކޮށް ދުވާލަކު 1,200 އަށްވުރެ ގިނަ ސިފައިން މަރުވެ ނުވަތަ ޒަޚަމްވެފައިވެއެވެ.

ރަޝިއާގެ ޙަމަލާތަކުގައި ޔުކްރޭން ސިފައިންގެ ބަޔަކު އަނދައިފައި؛ ސެޕްޓެމްބަރު މަހު އެވްރެޖްކޮށް ދުވާލަކު 1,200 އަށްވުރެ ގިނަ ސިފައިން މަރުވި ކަމަށް ރިޕޯޓްތައް ބުނޭ.
އެފްރިކާގައި، ސޫދާން ފަދަ ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ވެސް ވަނީ ގިިނަ އަދަދެއްގެ މީހުން މަރުވެފައެވެ. 2023 ވަނަ އަހަރު ފެށުނު ސޫދާނުގެ އާންމު ހަނގުރާމައިގައި މިހާތަނަށް 150,000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ޔޫއެންއާއި އެކިއެކި އިންސާނީ ޚިދުމަތްތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަރުވެފައިވާ ނުވަތަ ޝަހީދުވި އެންމެ ގިނަ މީހުން ނިސްބަތްވަނީ ޣައްޒާ އަށެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ޝަހީދުވިއިރު، އދ. އިން ބުނާ ގޮތުގައި މި އަދަދުގެ 70 އިންސައްތައަކީ އާންމު ރައްޔިތުންނެވެ.
ޔޫކްރެއިންގެ ހަނގުރާމައިގައި މި އަހަރުގެ އޮކްޓޯބަރު މަހާއި ހަމައަށް 12،100 އަށް ވުރެ ގިނަ އާންމު ރައްޔިތުން މަރުވެފައިވާކަން އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުން ވަނީ ކަށަވަރުކުރި. ނަމަވެސް ހަނގުރާމައިގެ ސަބަބުން މަޢުލޫމާތު ހޯދުމަށް ދިމާވާ ދަތިތަކާއި ހެދި ޙަޤީޤީ އަދަދު މިއަށްވުރެ މާ ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.

ސޫދާނުގައި ހަނގުރާމައިގެ ސަބަބުން ވަންނާނެ ތަނެއް ނެތި މަގުމަތިވެފައިވާ ރައްޔިތުންތަކެއް: ހަނގުރާމަތަކުގައި ދުނިޔެއިން 120 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޙާލުގައި ޖެހިފައި.
ސޫދާނުގައި އަލުން ފެށުނު ހަތިޔާރުއެޅި ހަނގުރާމައިގެ ސަބަބުން ހާހުން ގުނާލެވޭ އަދަދެއްގެ މީހުން މަރުވެ، މިލިއަނުން ގުނާލެވޭ އަދަދެއްގެ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. އދ. އިން ބުނާ ގޮތުގައި މި އަހަރުގެ މޭ މަހާއި ހަމައަށް މުޅި ދުނިޔޭގައި ގެދޮރު ދޫކޮށް ދާން މަޖުބޫރުވި މީހުންގެ އަދަދު ވަނީ މިހާތަނަށް ދުވަހަކުވެސް ނުދެކޭ ވަރަށް އިތުރުވެ 120 މިލިއަނަށް އަރައިފައެވެ.
ދުނިޔޭގައި ހަނގުރާމަތައް ފުޅާވަމުންދާއިރު، 2023 ވަނަ އަހަރާ އަޅާބަލާއިރު، ހަނގުރާމަތަކުގައި މަރުވާ އާންމު ރައްޔިތުންގެ އަދަދު މިއަހަރު މިވަނީ 72 އިންސައްތަ އިތުރުވެފައެވެ.



