ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އާ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ރިޓަޔަރޑް މޭޖަރ މުޙައްމަދު ނަޖާޙް އައްޔަންކޮށްފިއެވެ. މި އައްޔަންކުރެއްވުން އައިސްފައިވަނީ ފެނަކަގެ ކުރީގެ އެމްޑީ މުޢާޒް މުޙައްމަދު ރަޝީދު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
މުޙައްމަދު ނަޖާޙަކީ ދިފާއީ ވުޒާރާގައި 21 އަހަރުގެ ޚިދުމަތަށްފަހު މޭޖަރގެ ރޭންކުން ރިޓަޔަރ ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ކެރިއަރުގައި ލީޑަރޝިޕް، މެނޭޖްމަންޓް އަދި ކޮމާންޑް ލެވެލްގެ ލީޑަރޝިޕް މަޤާމުތަކުގައި 13 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވެއެވެ.
2004 އިން ފެށިގެން، ނަޖާޙް ވަނީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގައި ސީނިއަރ ލެކްޗަރަރ އަދި އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން، އޭނާ ވަނީ މިލިޓަރީ ސްޓަޑީޒްގެ ޑިޕާޓްމަންޓް ހެޑްގެ މަޤާމުވެސް ފުރުއްވާފައެވެ. މި މުއްދަތުގައި އޭނާ ވަނީ ލޮޖިސްޓިކްސް މެނޭޖްމަންޓް، އިކޮނޮމިކްސް، އަދި އިންސްޓްރަކްޝަނަލް ޓެކްނިކްސް ކޯސްތައް ކިޔަވައިދެއްވާފައެވެ. އަދި އެކި ކޯސްތަކުގެ ޕްރޮގްރާމް ކޯޑިނޭޓަރެއްގެ ގޮތުގައި 14 އަހަރު މަސައްކަތްކުރައްވާފައިވެއެވެ.
ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އަދި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ޖުމްލަ 14 އަހަރުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ނަޖާޙް، ކޯޕަރޭޓް ދާއިރާގެ އެގްޒެކެޓިވް ފެންވަރުގައި 4 އަހަރުގެ ތަޖުރިބާވެސް ހޯއްދަވާފައިވެއެވެ.









