މ. އަތޮޅުގައި ހުޅުވާ ފުރަތަމަ އެއާޕޯޓު، މުލީ އެއާޕޯޓަށް އަންނަ އަހަރުގެ މާޗު މަހުގެ އެއް ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމަށް ނިންމާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑުން އިއްޔެ ބުނެފިއެވެ.
ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ މާޗު މަހަށް މުލީ އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމުން ކަމަށާއި އެ އެއާޕޯޓް ހުޅުވުމަށް ވާން ޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.
އެ އެއާޕޯޓްގެ އޮޕަރޭޝަނަލް މަސައްކަތްތައް ކުރާނީ ރީޖަނަލް އެއާޕޯޓްސް އިންނެވެ.
އެ އެއާޕޯޓަށް ބޭނުންވާ ވެހިކަލާއި މެޝިނަރީ އާއި ވަސީލަތްތައް ހޯދުމުގެ އިތުރުން އޮފީސް ބައިގެ މަސައްކަތް ނިންމުމާއި އަލިފާން ނިއްވުމަށް މީހުން ނަގައި ތަމްރީންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް މުބީން ވިދާޅުވިއެވެ.
އެމްޓީސީސީން ހަދަމުން އަންނަ މުލީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް، 2021 ގައެވެ.
އެ އެއާޕޯޓަކީ 1،200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭއަކާ އެކު ހަދަމުން އަންނަ އެއާޕޯޓެކެވެ. އެ މަޝްރޫއަށް ސަރުކާރުން 221 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.