ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާއި ބެހޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ޤަރާރަށް ރާއްޖެއިން ތާއީދުކޮށްފިއެވެ.
މި ޤަރާރަކީ އ.ދ. އާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި އެހެން ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާއި ބެހޭގޮތުން ފާސްކުރި ޤަރާރެކެވެ.
މި ޤަރާރު ފާސްކުރީ މި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
ރާއްޖެއިން ވަނީ މި ޤަރާރު ކޯ-ސްޕޮންސަރވެސް ކޮށްފައެވެ. އަދި، މި ޤަރާރު ފާސްކޮށްފައިވަނީ ދިވެހިރާއްޖެ ހިމެނޭހެން 137 މެމްބަރު ޤައުމުގެ ވޯޓާއެކުއެވެ.
މި ޤަރާރު ހުށަހަޅާފައިވަނީ ނޯވޭ ގެ އިސްނެގުމާއެކު، އެހެން ޤައުމުތައް ހިމެނޭ ގްރޫޕަކުންނެވެ. ފޮރިން މިނިސްޓްރީން ބުނީ، މި ޤަރާރަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔާފައިވާކަމަށެވެ.









