އުމުރުން 31 އަހަރުގެ ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައިގައި އިންޑިއާ މީހަކު ކުށަށް އިއުތިރާފުވާން ދެކޮޅު ހަދައިފި އެވެ.
އިރުމަތީ ސިޓީ ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލަކުން އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު ޑޮކްޓަރެއް ރޭޕް ކޮށްލުމަށްފަހު ތޫނުއެއްޗަކުން ހަމަލާދީ އޭނާގެ މަރާލާފައިވާ ހަށިގަނޑު ފެނުމުން އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކަމަށް ބުނެ މުޅި ގައުމުގައި ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވާއިރު، އެ އަނިޔާވެރި މުޖުރިމު މިހާރު ބުނަނީ އޭނާ ފްރޭމް ކުރީ ކަމަށެވެ.
ފްރާންސްގެ ނޫސް އެޖެންސީ އޭއެފްޕީ އިން ބުނި ގޮތުގައި ދައުވާ ލިބޭ މީހާގެ ވަކީލު ސައުރަވް ބަންޑިއޯޕަދްޔާ ވިދާޅުވީ މި މައްސަލައިގައި ހަމައެކަނި ޝައްކު ކުރެވޭ ސަންޖޭ ރޯއީ، 33، ހުކުރު ދުވަހު ކަލްކަތާގެ ކޯޓެއްގައި ގާޒީގެ ކުރިމަތީގައި ކުށަށް އިންކާރު ކޮށްފައިވާ ކަމަށެވެ.
އޭނާ ކުށަށް އިންކާރުކުރާއިރު، ހާދިސާ ހިނގި ރޭގެ ދަންވަރުގެ ވަގުތު އޭނާ ހޮސްޕިޓަލަށް ވަންނަ މަންޒަރުގެ ސްނެޕް ޝޮޓެއް ފުލުހުން ވަނީ ޢާންމު ވެސް ކޮށްފައެވެ.
ހާދިސާ ހިނގި ދުވަހު ސަންޖޭ ރޯއީ ހައްޔަރުކޮށްފައިވާއިރު، އޭގެ ފަހުން އޭނާ ހުރީ ބަންދުގަ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ލިބޭނެއެވެ. ކޯޓުގައި އަޑުއެހުންތައް ފެށީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އޭނާއާއި ދެކޮޅަށް ގާތްގަނޑަކަށް 50 ވަރަކަށް ހެކިންގެ ހެކިބަސް އެބަހުއްޓެވެ.
ހަގަޑިއިރުގެ ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ އަނިރުބާން ދާސް 100 އަށް ވުރެ ގިނަ ސުވާލު އޭނާއާ ކުރެއްވިއިރު އެ އަޑުއެހުން ހަވީރާއި ހަމައަށް ވެސް ކުރިއަށް ދިޔަކަމަށް ވަކީލު ވިދާޅުވި އެވެ. ދެން އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.









