ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓްތަކުގައި މޯލްޑިވްސް އިމިގްރޭޝަނުން ރެއިޑް އޮޕަރޭޝަނެއް ހިންގައި، ތިން ބިދޭސީއަކު އިއްޔެ ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހިޔާ ފްލެޓުތަކުގައި ހިންގާ ވިޔަފާރިތަކަށް ހާއްސަކޮށް އިއްޔެ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގައި ހިޔާ ފްލެޓުތަކުގައި ހިންގާ އަށް ފިހާރައަކާއި ހަތަރު ކެފޭ/ރެސްޓޯރަންޓު/ބޭކަރީ އަދި ސެލޫނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އޭގެ ތެރެއިން ދެ ތަނެއްގައި ގަވާއިދާއި ހިލާފަށް މަސައްކަތްކުރަން އުޅުނު ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަންތަކުގައި މިހާތަނަށް ވަނީ 5،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފަ އެވެ. އަދި ސާފުތާހިރުކަން ދަށްކޮށް ކާބޯތަކެތި ހަދައި ވިޔަފާރިކުރާ ތަންތަން ވެސް އަންނަނީ ހުއްޓުވަމުންނެވެ.









