ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ 25 ސަޕޯޓަރަކަށް ޖަލު ހުކުމް އިއްވާފައިވެއެވެ. މި ހުކުމް އިއްވާފައިވަނީ މިދިޔަ އަހަރު މިލިޓަރީ ސައިޓްތަކަށް ހަމަލާދިން މައްސަލައިގައެވެ.
މިލިޓަރީ ކޯޓަކުން އިއްޔެ އިއްވި ހުކުމުގައި 14 މީހުންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމް އިއްވާފައިވާއިރު އެހެން މީހުންނަށް 2 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމް އިއްވާފައިވެއެވެ.
މިއީ 2023 މެއި މަހު އިމްރާން ޚާންގެ ސަޕޯޓަރުން އެޤައުމުގެ ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާ އެކެވެ. މުޒާހަރާގައި މިލިޓަރީ ސައިޓްތަކަށް ވަދެ ގެއްލުންދީ ޖެނެރަލެއްގެ ގޭގައި އަލިފާން ރޯކުރިއެވެ.
އިމްރާން ޚާން 2018 އިން 2022 އަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވިއިރު އިތުބާރު ނެތްކަމުގެ ވޯޓަކުން މަޤާމުން ވަކިކުރެއްވީ އެމެރިކާ އަޑީގައި އޮވެގެން ކަމަށް އިމްރާނު ނުސީދާކޮށް ވިދާޅުވެފައިވާއިރު ކޮރަޕްޝަނާއި އެހެނިހެން ދަޢުވާތަކުގެ ކުށް ސާބިތުވެ 34 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އޭނާއަށް އިއްވާފައިވެއެވެ.
މިއީ 2024 ފެބްރުއަރީގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލުވާލުމަށް ކުރިމކަމެއް ކަމަށް މުހައްލިލުން ބުނާއިރު، އޭނާގެ ޕާޓީ ޕީޓީއައި އިން ވަނީ އިންތިޚާބުގައި ރަނގަޅު ނަތީޖާއެއް ހޯދާފައެވެ.









