ހުޅުމާލެއިން ދިރިއުޅުމުގެ ބޭނުމަށް ވިއްކާ ބައެއް ބިންތައް ބީލަމުގެ އުޞޫލާ ޚިލާފަށް ވިއްކާފައިވާ ކަމަށް ބުނެ ދެއްކެވޭ ވާހަކަތައް އެޗްޑީސީން ދޮގުކޮށްފިއެވެ.
އެޗްޑީސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެއިން ވިއްކުމަށް އިޢުލާން ކޮށްފައިވާ ބައެއް ބިންތައް ބީލަމުގެ އުޞޫލާ ޚިލާފަށް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށް، އެ ކުންފުނީގެ އިތުބާރު ގެއްލޭ ގޮތަށް ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެއިން ވިއްކާފައި ވަނީ އާންމުކޮށް އިޢުލާންކުރުމާ އެކު، ހުޅުވާލާފައިވާ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ ބިން ގަތުމުގެ ފުރަތަމަ މަރުޙަލާއަކީ ކަނޑައެޅޭ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށާއި އެ އަށް ފަހު އީއޯއައި ހުށަހަޅާ މީހުންނަށް ބިޑް ކުރުމަށް ހުޅުވާލާ ކަމަށެވެ. ބިން ގަތުމުގެ ފުރުޞަތު ދީފައި ވާނީ ބިޑް ކުރުމަށް ކަނޑައެޅި ވަގުތު ނިމޭއިރު، އެންމެ މަތީ އަގު ހުށަހެޅި މީހާ އަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ބިން ގަތުމަށް އީއޯއައި ހުށަހެޅޭނީ އިޢުލާން ކޮށްފައިވާ ބިމުގެ ބޭސް ރޭޓަށް ވުރެ ދަށް ނޫން އަގެއްގައި ކަމަށާއި ބޭސް ރޭޓްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުން އެންޑޯޒް ކޮށްފައިވާ ރޭޓުތަކެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެ އުޞޫލުން ވިއްކި ތިން ބިމެއްގެ ތަފުޞީލީ މަޢުލޫމާތު އެޗްޑީސީގެ ނޫސްބަޔާނުގައި ވަނީ ހިމަނާފައެވެ.
އެޗްޑީސީން އެ ވާހަކަތައް ދޮގުކުރީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ބައެެއް މެންބަރުންނާއި މި ސަރުކާރުގެ ބައެއް ވެރިންނަށް ހުޅުމާލެއިން ނުއަގުގައި ބިންތަކެއް ވިއްކާލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދޮގު ވާހަކަތައް ފަތުރާތީއެވެ.
ކުރީގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް އެ ކުންފުނިން ބިންތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހުންނާއި އޭސީސީން އަންނަނީ ތަޙުޤީޤުކުރަމުންނެވެ. އެޗްޑީސީން ވަނީ އެ ވާހަކަތައް ވެސް ދޮގުކޮށްފައެވެ. އެޗްޑީސީން އުޞޫލާ ޚިލާފަށް ހުޅުމާލޭގެ އެއްވެސް ތަނަކުން އެއްވެސް ބަޔަކަށް ބިން ދީފައި ނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.









