ވިނަރެސް ފްލެޓްގެ މައްސަލަގައި ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުގައި މަސައްކަތްކުރަމުން ގެންދާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު މުއްދަތެއް ނެތްގޮތަށް ޒިންމާ އިން އެކަހެރިކޮށްފިއެވެ.
އޭނާ ޒިންމާއިން އެކަހެރިކުރީ ހާމަކަންބޮޑު ގޮތަށް ތަޙުޤީޤު ހިންގެވުމަށްޓަކައި ސަރުކާރުން ގެންގުޅުއްވާ ދެފުށް ފެންނަ ސިޔާސަތުގެ ތެރެއިންކަން އެނގިފައި ވެއެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބަށް ވިނަރެސް ފްލެޓު ލިބިފައިވަނީ 2022 ވަނަ އަހަރު ކަމަށް ވެސް ލިބިފައިވާ މަޢުލޫމާތުން ހާމަވެއެވެ. މި މަޢުލޫމާތު ހާމަވެފައިވަނީ އިއްޔެއިން ފެށިގެން މީސްމީޑިއާގައި ރަޖުނީއާއި އޭނާގެ އަނބިކަނބަލުންނަށް ނުޙައްޤުން ފްލެޓު ލިބުނު ކަމަށް ބުނެ ދައުރުވަމުންދާ ޕޯސްޓުތަކާއި ގުޅިގެން ބެލި ބެލުމުންނެވެ..
ލިބިފައިވާ އެއްބަސްވުމުގެ ކޮޕީއަކުން އެނގޭ ގޮތުގައި، ރަޖުނީއަށް ފްލެޓު ލިބިފައިވަނީ ކުރީގެ ސަރުކާރުން ހިޔާ މަޝްރޫޢުގެ ދަށުން ލިބުނު ފްލެޓުގެ ބަދަލުގައި ވިނަރެސް ފްލެޓަށް ބަދަލުވުމަށް ހުޅުވާލި ފުރުޞަތުގައި އެޕްލައި ކުރުމުން ކަމަށް ވެއެވެ.
މި މައްސަލައާއި ގުޅޭގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރަޖުނީއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފެތުރެމުންދާ މަޢުލޫމާތާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ރަޖުނީ ޝުއައިބަކީ މިހާރު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ވެރިޔާގެ މަޤާމު ފުރުއްވަމުންދާ ބޭފުޅެކެވެ. އަދި މީގެ އިތުރުން، "ބިންވެރިޔާ" ސްކީމުގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަ ތަޙުޤީޤުކުރާ ޓީމުގައި އިސްކޮށް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
މި މައްސަލައާއި ގުޅިގެން އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލައިގައި އިތުރު ތަޙުޤީޤުތައް ކުރިއަށްދާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.









