ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެވޭނީ ދައުލަތުގެ ތިން ބާރާއި، މީޑިއާ އަދި ރައްޔިތުންވެސް އެ ނިޒާމަށް ފާރަވެރިވެގެން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރޭ ބޭއްވި "ކަންގަތި އެވޯޑް" ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތަކީ ކައުންސިލްތަކުގެ ކުރިއެރުންތައް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވާ ރަސްމިއްޔާތެކެވެ.
"އެންމެ ބޮޑު ހަޤީޤަތަކީ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ފުރަތަމަ ޓަކި ޖަހަންޖެހޭ ދޮރަކީ ކައުންސިލްތަކުގެ އިދާރާކަން. ކައުންސިލްތަކަކީ ހަޤީޤީ މާނައިގައި ރައްޔިތުންގެ އޮފީސް، ރައްޔިތުންގެ ގެ." ވަޒީރު ވިދާޅުވިއެވެ.
ރަށްރަށުގެ ތަރައްޤީގައި ކައުންސިލްތަކުގެ ޒިންމާ ބޮޑުކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ އެ ޒިންމާތަކާ އެއްވަރަށް ވަސީލަތްތައް ޤާއިމުކޮށް މީހުން ބިނާކުރަންޖެހޭ ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު ސަމާލުކަމެއް ދެއްވާ އެއް ކަމަކީ ކައުންސިލްތަކުގެ އުމްރާނީ ތަރައްޤީއަށް ކުރިއަށްގެންދަވާ މަޝްރޫޢުތައް ކަމަށާއި، 105 ކައުންސިލް ޢިމާރާތް ރަނގަޅު ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ގްރީން ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުމަށް ނިންމަވައި، ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ ގޮތްވެސް ހަމަޖައްސަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މުހިންމު ކަންތައްތަކެއް ހުރި ކަމަށެވެ. އޭގެ ތެރޭގައި މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުމާއި ޙިއްސާ އިތުރުކުރުމާއެކު، ކައުންސިލްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކުރުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެވޭނީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ނިޒާމާއި، މީޑިއާ އަދި ރައްޔިތުން އެ ނިޒާމަށް ފާރަވެރިވެ، އެ ނިޒާމު އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކޮށްގެން." ވަޒީރު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކުރުމަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ރަށްރަށުގެ ތަރައްޤީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގެ އުންމީދު ވަޒީރު ފާޅުކުރެއްވިއެވެ.









