55 ކައުންސިލެއްގެ ޢިމާރާތްތައް އަލުން ޢިމާރާތްކުރުމުގެ މަޝްރޫޢު މިހާރު އޮތީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަރުޙަލާގައި ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ކައުންސިލްތަކުގެ ޢިމާރާތްތަކުގެ ޙާލަތު ރަނގަޅުކުރުމަށް މާބޮޑަށް އަޅާލެވިފައިނުވާ ކަމަށާއި ވަރަށް ގިނަ ރަށްރަށުގެ ކައުންސިލް ޢިމާރާތް ހުރީ ވަރަށް ދަށް ހާލަތުގައި ކަމަށެވެ.
187 ރަށުގައި އައު ކައުންސިލް ޢިމާރާތްތައް އަޅަން ޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަމަށް ޙައްލެއް ގެނައުމަށްޓަކައި، ޕީއެސްއައިޕީން ކޮންޓްރެކްޓް ފައިނޭންސްގެ އުސޫލުން 55 ކައުންސިލެއްގެ ޢިމާރާތް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.
"މިހާރު 55 ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫއު އިކޮނޮމިކް ކައުންސިލުންވެސް މިވަނީ އެއްކޮށް ފާސް ކޮށްދެއްވާފައި މީގެ ދެ ދުވަސް ކުރީން. މިހާރު މި އޮތީ އެޓާނީ ޖެނެރަލްގެ އޮފީހަށް އެގްރިމެންޓް ފޮނުވިފައި." މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކުރުމަށް ނިންމާފައިވަނީ މެލޭޝިޔާގެ ކުންފުންޏަކަށް ކަމަށާއި، ވަރަށް އަވަހަށް އެއްބަސްވުމުގައިވެސް ސޮއިކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަލުން ޢިމާރާތް ކުރާ ކައުންސިލް ޢިމާރާތްތައް ވެގެންދާނީ ވަރަށް ޖާގަ ތަނަވަސް އަދި ކައުންސިލްތަކުގެ ހިންގުމުގެ މަސައްކަތަށް ބޭނުންވާ ލުއިފަސޭހަތައް ލިބޭގޮތަށް ފަރުމާކުރާ ތަންތަނަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.









