މިފްކޯ ހިންގުމުގައި ސިޔާސީ ނުފޫޒުކަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް އެ ކުންފުނީގެ އާ ސީއީއޯ ޑރ. ވިތާލީ ލުބިމޮފް މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. ވިތާލީ އެގޮތަށް ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ދަށުން އެ ކުންފުންޏަށް އާ ޖެނެރަލް މެނޭޖަރެއް އައްޔަންކުރުމަށް ފަހު، ސީއީއޯއާ ހަވާލާދީ މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައެވެ.
މިފްކޯ އިން ބުނީ ޑރ. ވިތާލީ ބޭނުންވަނީ އެ ކުންފުންޏަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ކަމަށާއި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށް ޖާގަ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ. މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތަށް ފަހު ދެމެހެއްޓެނިވި ގޮތެއްގައި މިފްކޯ ހިންގޭނެ ގޮތުގެ ތަފުސީލު ސަރުކާރުގެ ކަމާބެެހޭ ފަރާތްތަކަށް އޭނާ ހުށަހަޅުއްވާނެ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
ޑރ. ވިތާލީ މަސައްކަތް ކުރައްވަނީ މިފްކޯގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަކަށް، މިނިވަންކަމާއި ޒިންމާދާރުކަމާއެކު ހިންގުމުގެ ތަޞައްވުރެއްގެ ދަށުން ކަމަށް މިފްކޯއިން ބުންޏެވެ.
"ސިޔާސީ ގޮތުން ވެސް އެއްވެސް ނޫފުޒެއް ފޯރުވަން ކުންފުނީގެ މައްޗަށް މަސައްކަތްކޮށް ކުންފުނީގެ ހިންގުމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ނަމަ، އެކަން ހުއްޓުވާނަން. އެކަހަލަ އެއްވެސް ކަމަކަަށް ޖާގަ ނުދޭނަން. އެ ކަހަލަ ކަމެއް ކުރާ ފަރާތެއް ނަމަ ހާމަ ވެސް ކުރާނަން." ޑރ. ވިތާލީ ވިދާޅުވިއެވެ.
ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ޑރ. ވިތާލީ ގެންނަވާ ބަދަލުތަކުގެ ދަށުން އޭނާ ވަނީ މިފްކޯގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް އާ ޖެނެރަލް މެނޭޖަރެއް އިއްޔެ އައްޔަންކޮށްފައެވެ. މިފްކޯ އިން ބުނި ގޮތުގައި، އެއީ ކުންފުނީގެ މުވައްޒަފުންގެ ޤާބިލިއްޔަތުކަން ވަޒަންކުރުމުގެ ގޮތުން ސީއީއޯ ގެންނެވި ބަދަލެކެވެ.
ސްވިޒްލެންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިތާލީ، މިފްކޯގެ ސީއީއޯއަކަށް އައްޔަންކުރެއްވީ މި މަހުގެ 10 ވަނަ ދުވަހުއެވެ.









