ގޯއްޗާއި ފްލެޓް ދޫކުރުމުގައި އުސޫލުތަކާ ޚިލާފުވެފައިވާނަމަ ތަހުގީގުކޮށް، ދަޢުވާކުރަން ފޮނުވަން ޕީޖީ އަމުރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 306 ދުވަސް ކުރިން - 19 ޑިސެންބަރު 2024 12:41
ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް
ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް
ޚުލާސާ

ގޯއްޗާއި ފްލެޓް ދޫކުރުމުގައި އުސޫލުތަކާ ޚިލާފުވެފައިވާކަމުގެ ކަންބޮޑުވުން އުފެދިފައިވާތީ، މިއީ ޢާންމު މަޞްލަޙަތު އެކުލެވޭ ކަމަކަށްވާތީ ފުރިހަމަ ޖިނާއީ ތަޙުޤީޤެއް ހިންގަންޖެހޭ ކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ދެކެވަޑައިގަންނަވާ ކަމަށް ޕީޖީ އޮފީހުން ހާމަކުރި.

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރުމުގައި އުސޫލުތަކާއި ޚިލާފުވެފައިވާނަމަ ތަޙުޤީޤުކޮށް، ދަޢުވާކުރަން ފޮނުވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް، ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމުރުކޮށްފިއެވެ..

ޕީޖީ އޮފީހުން ނެރުއްވި ބަޔާނެއްގައި ބުނެފަވަނީ، މި ސްކީމްތަކަށް އެދި ފޯމު ބަލައިގަތުމުގައާއި ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ދޫކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާއި ޚިލާފަށް ޢަމަލުކޮށްފައިވުމުގެ ކަންބޮޑުވުން އެ އޮފީހުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިއީ ޢާންމު މަޞްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ ފުރިހަމަ ޖިނާއީ ތަޙުޤީޤެއް ހިންގަންޖެހޭ ކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، މި މައްސަލައިގެ ތަޙުޤީޤު ހިންގުމަށްފަހު، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނަމަ، އެކަން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކުރުމަށްޓަކައި އެ އޮފީހަށް ހުށަހެޅުމަށް ވެސް އަމުރުކުރައްވާފައި ވެއެވެ.

މީގެ އިތުރުން، މި މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތް ކޮންމެ ހަފްތާއަކު އެއްފަހަރު ޕްރޮސެކިއުޓަރ ޖެނެރަލާއި ހިއްސާކުރަމުން ގެންދިއުމަށާއި، އަވަސް ތަޙުޤީޤެއް ހިންގުމަށްވެސް އަމުރުކުރައްވާފައިވެއެވެ.

މި އަމުރު ނެރުއްވާފައިވަނީ ފުލުހުން "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަޙުޤީޤުކުރަމުންދާ ދަނޑިވަޅެއްގައެވެ. ފުލުހުން ވިދާޅުވެފައިވާ ގޮތުގައި ތަޙުޤީޤުކުރަމުންދަނީ ޑޮކިއުމަންޓުތަކެއް ފޯޖުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ބޯޑުގެ ޗެއަރމަން ފިޔަވައި އެހެން ހުރިހާ ބޯޑު މެންބަރުން ވަނީ ސަސްޕެންޑުކޮށްފައެވެ. މީގެ ތެރޭގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދުވެސް ހިމެނެއެވެ. އަދި މި މައްސަލައިގައި ހިމެނޭ މުޙައްމަދު ފަޒީލް ރަޝީދުވެސް ވަނީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން މިހާރު ސަސްޕެންޑްކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%