ކ. ކާށިދޫގައި ބަންގްލަދޭޝް ރައްޔިތަކަށް ދަތްމަރުތޭލަކުން ހަމަލާދިން މައްސަލައިގައި، މި ހާދިސާގެ ދަޢުވާ ލިބުނު ފަރާތަށް 10 އަހަރުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.
2020 ވަނަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހުގެ ހަވީރު 5:50 ހާއިރު، ކ. ކާށިދޫ ޗަމަންގޭގައި ދިރިއުޅެމުންދިޔަ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލް އަމީންގެ ބޮލާއި އަތުގައި ޖަމާލް ހޮސައިން ދަތްމަރުތޭލަކުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވުނެވެ.
މި މައްސަލައިގައި ޖަމާލް ހޮސައިންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލީ 2021 ވަނަ އަހަރުގެ ޖޫން 13 ވަނަ ދުވަހުއެވެ. ކާށިދޫ ކޯޓުގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ޖަމާލް ދަޢުވާއަށް އިޢުތިރާފުވި ނަމަވެސް، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުނު އިރު އިޢުތިރާފުގެ ބަޔާން ހުށަހަޅާފައި ނުވުމުން، މައްސަލަ އަލުން ފެށުމަށް ނިންމުނެވެ.
2023 ވަނަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ޖަމާލް ދަޢުވާއަށް އިންކާރުކުރިއެވެ. ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ކާށިދޫ ކޯޓުގައި ޖަމާލް އިޢުތިރާފުވި ބަޔާނާއި، ފުލުހުންނަށް ދީފައިވާ ބަޔާނާއި، ޑޮކްޓަރުގެ ރިޕޯޓު ހިމެނެއެވެ.
މައްސަލަ ނިންމަމުން ކްރިމިނަލް ކޯޓުން ބުނީ، ހުށަހެޅުނު ހެކި ގަރީނާއިން ޝައްކެއްނެތް މިންވަރަށް ޖަމާލް ކުށް ކުރިކަން ސާބިތުވާ ކަމަށެވެ. މީހަކަށް ނުރައްކާތެރި ހާނިކައެއްވާ ގޮތަށް ތޫނު އެއްޗަކުން ނުވަތަ ހަތިޔާރަކުން ހަމަލާދިން ކުށަށް 10 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ.
ޖަމާލްގެ ބަންދުގެ މުއްދަތު އުނިކުރުމަށްފަހު، އޭނާ މިހާރު ޖަލުގައި ހޭދަކުރަންޖެހޭނީ 6 އަހަރާއި 7 މަހާއި 25 ދުވަހެވެ.









