ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވައިލުމުގެ މަސައްކަތް ފަށައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) މިއަދު ހާމަކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެ ޕާޓީގެ ސެނެޓުން ޕާޓީ އުވާލުމަށް ނިންމުމާ ގުޅިގެންނެވެ.
ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމީ މި މަހުގެ 2 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުން ޕާޓީ އުވާލުމަށް ހުށަހެޅުނު ގަރާރު ފާސްކުރިއެވެ. ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ. މި ބައްދަލުވުން ބޭއްވުނީ ޕީއެންސީގެ އޮފީހުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ޕީޕީއެމްގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުމާއި، ޕާޓީ އުވާލުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފިޔަވައި އިތުރު އެއްވެސް މުޢާމަލާތެއް ކުރުމުގެ އިޚްތިޔާރު އެ ޕާޓީއަށް ލިބިގެން ނުވާކަމަށެވެ. އަދި ޕާޓީއާ ގުޅިގެން ނިންމަންޖެހޭ އެއްވެސް ކަމެއް ވާނަމަ، އުވާލުމުގެ މަރުޙަލާ ނިމުމުގެ ކުރިން އެކަމެއް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވެއެވެ.
ޕީޕީއެމް އުވާލުމަށްފަހު، އެ ޕާޓީގެ ދަފްތަރުގައި ތިބި އާންމު މެމްބަރުން ސަރުކާރު ހިންގާ ޕީއެންސީއަށް ބަދަލުކުރުމާއި، އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ބޮޑު ހަރަކާތެއް ޕީއެންސީން ވަނީ ކުރިން ހިންގާފައެވެ.










