ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދާ "ކުރަނގި" އޮޕަރޭޝަންގައި މިހާތަނަށް 18،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކުރެވިއްޖެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށައިފައި ވަނީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ މިހާތަނަށް 18،919 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށެވެ. އަދި އަދި 194 ރަށެއްގައި މި މަސައްކަތް ފަށައި 50 ރަށެއްގައި އެ މަސައްކަތް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، "އޮޕަރޭޝަން ކުރަނގީ"ގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނާއި ގަވާއިދުޔަކުގެ ދަށުންތޯ މި އޮޕަރޭޝަނުގައި ޔަގީންކުރެ އެވެ.
މި އޮޕަރޭޝަނަށް ބޭނުންވާ މައުލޫމާތު އެއްކުރަނީ ރަށު ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޮމެޓްރިކްސް ނެގުމުގެ އިންތިޒާމު ހަމަޖައްސައިގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފުތަރެއް އެކުލަވާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެ އެވެ.
"ކުރަނގި އޮޕަރޭޝަން"ގެ ފުރަތަމަ މަރުހަލާ ނިމުމަށް ފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޮމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާ ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރާނެ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އަންނަނީ ގިނަ މަސައްކަތްކުރަމުންނެވެ.









