ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސާރް ނަމްގްޔެލް ވަންގޗުކް އާއި ބޮޑުވަޒީރު ޝެރިންގ ތޮބްގޭއަށް ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
ރައީސް ފޮނުއްވި ސިޓީފުޅުތަކުގައި، މި މުހިންމު މުނާސަބަތުގައި ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި ރަސްގެފާނާއި ބޮޑުވަޒީރާއި ބޫޓާންގެ ސަރުކާރާއި ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ. އަދި ރަސްގެފާނާއި ބޮޑުވަޒީރު ފުރިހަމަ ސިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، ބޫޓާނުގެ ރައްޔިތުންނަށް ތަރައްޤީ އާއި ފާގަތިކަން އެދިވަޑައިގަންނަވާކަންވެސް ހާމަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ރައީސްގެ 'އެކްސް' އެކައުންޓުންވެސް އެމަނިކުފާނު ވަނީ ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ބޫޓާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 13 ޖުލައި 1984 ގައެވެ.









