ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ގެންދަން މަސައްކަތްކުރި ފަރާތްތަކެއްގެ ޢަމަލު ހުއްޓުވައިލައިފިކަމަށް ކަސްޓަމްސްއިން ހާމަކޮށްފިއެވެ. ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕަރިންޓެންޑެންޓް އަޙްމަދު ނިޔާޒް ވިދާޅުވިގޮތުގައި، މި އަހަރުގެ ތެރޭގައި މިފަދަ 9 މައްސަލައެއް ރިކޯޑުކުރެވި، ޖުމްލަ 320,000 އެމެރިކާ ޑޮލަރާއި ގާތްކުރާ ޢަދަދެއް ހިފެހެއްޓިފައިވެއެވެ.
ޓީވީ ޗެނަލެއްގައި ވާހަކަފުޅު ދައްކަވަމުން ނިޔާޒް ވިދާޅުވީ، 10,000 ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ރާއްޖެއަށް އެތެރެކުރާނަމަ ނުވަތަ ބޭރުކުރާނަމަ، އެކަން ކަސްޓަމްސްއަށް ރިޕޯޓުކުރަންޖެހޭ ކަމަށެވެ. މި ޤަވާޢިދާއި ޚިލާފުވެގެން ހިފެހެއްޓުނު ފައިސާގެ މައްސަލަތަކުގައި ޖޫރިމަނާކުރުމުގެ އިތުރުން، މަނީ ލޯންޑަރިންގގެ ތުހުމަތުގައި ފުލުހުންނާއި ގުޅިގެން ތަޙުޤީޤުތައް ކުރިއަށްދާކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ކަސްޓަމްސްއިން މި އަހަރު ތެރޭގައި މަނީ ލޯންޑަރިންގ ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް ހަރުދަނާކަމާއެކު ކުރިއަށް ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.








