ވިސާ ނެތި ރާއްޖޭގައި ވަޒަންވެރިވެ އުޅެމުންދާ ފްރާންސްގެ އާއިލާއަކުން އެދިފައިވަނީ، ރަށްވެހިކަން ނުދެވޭނަމަ، ރާއްޖެއިން ފުރުވާލުމަށް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
މި މައްސަލައަކީ ތ. ވޭމަންޑޫގައި އުޅޭ ހަ މެންބަރުންގެ އާއިލާއަކާއި ގުޅޭ މައްސަލައެކެވެ. އިމިގްރޭޝަންގެ ގާނޫނާއި ޚިލާފަށް މި އާއިލާ ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު 'އިމިގްރޭޝަން ވޮޗް'އަށް ލިބުނީ ޖުލައި 18ވަނަ ދުވަހުއެވެ. އެއަށްފަހު އިމިގްރޭޝަނުން ވަނީ އެ މައްސަލަ ބަލައި، އޮކްޓޯބަރު 23 ވަނަ ދުވަހު އެ މައްސަލައިގައި ހިމެނޭ އިސްފަރާތް އެ އިދާރާއަށް ހާޒިރުކޮށްފައެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ އާއިލާއިން އެދުނީ ރަށްވެހިކަން ދިނުމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ބަޔަކަށް ރާއްޖޭގެ ރަށްވެހިކަމެއް އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ނުދެވޭނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. އެހެންކަމުން އެ އާއިލާއިން އެދުނީ ރަށްވެހިކަން ނުދެވޭނަމަ ފުރުވާލުމަށް ކަމަށް އޭނާ ހާމަކުރެއްވިއެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން މުހައްމަދު ވިދާޅުވެފައިވަނީ އެ އާއިލާގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ އެ އާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އަދި އެ އާއިލާގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށާއި އިމިގްރޭޝަން ގާނޫނާއި ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ ކަމަށް ޝައްމާން ވިދާޅުވިއެވެ.









