މާލޭގައި ބިދޭސީން މުޑުދާރުކޮށް ކާބޯތަކެތި ހަދާ އިތުރު ތަނެއް ހޯދައި، ބިދޭސީއަކު ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިމިގްރޭޝަނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން، އެ އިދާރާގެ ޓާސްކުފޯހުން ހެންވޭރުގައި ހުރި ގެއެއް ރޭ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ ގެއަކީ އާންމު މިންގަނޑުތަކާއި ހިލާފަށް ދިވެހި އުފެއްދުންތައް ވިޔަފާރީގެ ބޭނުމަށް ތައްޔާރުކުރަމުންދާ ތަނެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، އެ ތަނުން ވަނީ ފިހާރަތަކުން އާންމުކޮށް ލިބެން ހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި ފެނިފަ އެވެ،
"ގަވާއިދާ ހިލާފަށް މި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހާ މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި،" އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެތަނަކީ ކޮށި ފޯއް ބަންދުކުރާ ތަނެކެވެ. އެތަން އޮތީ ވަރަށް މުޑުދާރުކޮށެވެ.
އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނުގައި މީގެ ކުރިން ވެސް މި ކަހަލަ ވަރަށް ބައިވަރު ތަންތަން ހޯދައި، ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓާފައިވެ އެވެ. އަދި ގަވާއިދާ ހިލާފަށް މި މަސައްކަތްކުރި އެތައް ބިދޭސީންނެއް މިހާތަނަށް ޑީޕޯޓްކޮށްފައިވެ އެވެ.









