އައްޑޫއިން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓަކުން މީހަކު ގެއްލިގެން ހޯދަން ކޯސްޓުގާޑުން މިއަދު ފަށައިފި އެވެ.
ފުލުހުން ބުނީ އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރި "ސީމެކްސް" ކިޔާ ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީއަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭގެ ވަގުތެއް ކަމަށެވެ.
ގެއްލިގެން ހޯދަނީ ނޭޕާލުގެ މީހެއް ކަމަށްވާ ރާޖް ކުމާރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ރާޖް ކުމާރް ބޯޓުގައި ނެތްކަން އެނގުނީ އެ ބޯޓު އައްޑު އާއި ފުވައްމުލަކާއި ދެމެދު ކަނޑުމަތީގައި އޮއްވާ ކަމަށާއި އެއީ ފުވައްމުލަކާއި އަށް މޭލު ދުރު ކަމަށެވެ.
ރާޖް ކުމާރް ހޯދުމުގެ މަސައްކަތް އެންއެންޑީއެފްގެ ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.









