ސީރިޔާގެ ގޯލަން ހައިޓްސްގައި އިސްރާއީލުން ވަޒަންވެރިވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސީރިޔާގެ ގޯލާން ހައިޓްސްގެ ބިންތަކުގައި އިސްރާއީލުން ވަޒަންވެރިވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ފުޅާކުރުމަށް އެތަނުގެ ސަރުކާރުން ނިންމާފައިވާ ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ނިންމުމަކީ ބައިނަލްއަގުވާމީ އެންމެހާ ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފު އަދި މި ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ ނިންމުމެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ބައިނަލްއަގުވާމީ ގާނޫނާއި ހިލާފަށް ސީރިޔާގެ ގޯލާން ހައިޓްސްގެ ބިންތަކަށް ނުޙައްގުން ވެރިވެގަތުމަށް އިސްރާއީލުން ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވުމަށާއި އިސްރާއީލުން ސީރިޔާއަށް ދެމުން ގެންދާ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށާއި އަދި، އދ. ގެ ކަމާބެހޭ ގަރާރުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އިސްރާއީލަށް މަޖުބޫރު ކުރުވުމަށް އަޅަން ޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފައެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ 1967 ވަނަ އަހަރުން ފެށިގެން ސީރިޔާގެ ގޯލާން ހިފާފައިވާކަން ފާހަގަކުރައްވައި، ސަލާމަތީ މަޖިލީހުގެ ގަރާރު 497 (1981) ފަދަ އދ. ގެ ކަމާ ގުޅޭ ގަރާރުތަކަށް އަމަލުކުރުމަށް އިސްރާއީލަށް ގޮވާލައިފައެވެ.
ސީރިޔާގެ މިނިވަންކަމާއި ސިޔާދަތާއި ސަރަހައްދީ ސަލާމަތަށް ތާއީދުކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ސީރިޔާގެ ރައްޔިތުންގެ އުންމީދުތައް ޙާސިލްވާނެ ގޮތަށް، އެ ގައުމުގައި ސުލްހަ އާއި ސަލާމަތާއި އިސްތިގުލާލު ގާއިމްކުރުމަށް ކުރެވޭ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ހުރިހާ މަސައްކަތަކަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ދިވެހި ސަރުކާރުން ދިނެވެ.









