މިދިޔަ ނޮވެންބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ވާކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނޮވެންބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 40،504 މީހަކު ރިޕޯޓްކޮށްފައިވެއެވެ. މިއީ އޮކްޓޫބަރު މަހާއި އަޅާބަލާއިރު 37 އިންސައްތައިގެ އިތުރުވުމެކެވެ. އޮކްޓޫބަރު މަހު މި ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 29،515 މީހުންނެވެ.

މީގެ އިތުރުން، މިއަހަރުގެ ނޮވެންބަރު މަހުގެ ހާލަތު، މިދިޔަ އަހަރުގެ ނޮވެންބަރު މަހާއި އަޅާބަލާއިރު ވެސް ގޯސްވެފައިވާކަން ފާހަގަކުރެވެއެވެ. 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 37،028 މީހުންނެވެ.

އިންފުލުއެންޒާގެ ހާލަތަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 2،375 މީހުން އިންފުލުއެންޒާއަށް ޓެސްޓް ކުރިއިރު، އޭގެ ތެރެއިން 476 ސާމްޕަލް ޕޮޒިޓިވް ވެފައި ވެއެވެ. ނޮވެންބަރު މަހު އެކަނި 164 ސާމްޕަލް ޓެސްޓު ކުރިއިރު 42 މީހަކު އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައި ވާކަން ފާހަގަ ކުރެވެއެވެ.

ޑެންގީ ހުމުގެ ހާލަތަށް ބަލާއިރު، އޮކްޓޫބަރު މަހު 126 ކޭސް ރިޕޯޓުކޮށްފައިވާއިރު، ނޮވެންބަރު މަހު މި އަދަދު 140 އަށް އިތުރުވެފައިވެއެވެ.

އާންމު ބަލިތައް ފެތުރޭ އަދަދު މިދުވަސްވަރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންކަމަށް އެޗްޕީއޭއިން ފާހަގަކުރިއެވެ. މި ހާލަތާއި ގުޅިގެން، ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.