މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އިން މާލޭގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހުރިހާ ޕަމްޕް ސްޓޭޝަނެއްގައި ވައި ސާފުކުރާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ވަނީ ފަށާފައެވެ. މި މަސައްކަތަކީ ނަރުދަމާ ޕަމްޕް ސްޓޭޝަންތަކުން ނުބައި ވަސް ބޭރުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެކެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވިގޮތުގައި މިހާރު 2 ޕަމްޕް ސްޓޭޝަންގައި ވައި ސާފުކުރާ ނިޒާމު ހަރުކޮށް ބޭނުންކުރަމުންދެއެވެ. މި 2 ނިޒާމުން ވައި ސާފުކުރަނީ 2 ބާވަތެއްގެ ތަކެތިންކަމަށާއި، މާލޭގެ މާހައުލަށް އެންމެ ރަނގަޅު ބާވަތް ދެނެގަތުމަށް މި 2 ނިޒާމުވެސް މޮނިޓަރ ކުރަމުންދާކަމަށް މަތީނު ވިދާޅުވިއެވެ.
މާލޭގައި ހުންނަ 9 ޕަމްޕް ސްޓޭޝަންގެ ތެރެއިން ވައި ސާފުކުރާ ނިޒާމު އެންމެ ފުރަތަމަ ޤާއިމްކޮށްފައިވަނީ އައިޖީއެމްއެޗް ސަރަހައްދުގައި ހުންނަ 4 ނަމްބަރ ޕަމްޕް ސްޓޭޝަންގައެވެ. މި ނިޒާމު ހަރުކުރުމުން ސްޓޭޝަންތަކުން ޖައްވަށް ބޭރުވާ ވައިގެ 99 އިންސައްތަ ސާފުވާނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. އަދި މި ނިޒާމު ހިންގުމަށް ބޭނުންކުރާނީ އިޢާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމަށްވެސް މަތީން ވިދާޅުވިއެވެ.








